
maldivian flight
މޯލްޑިވިއަންއިން، ބަންގްލަދޭޝްއަށް ކުރަމުން އަންނަ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ބަންގްލަދޭޝްގެ ކޮވިޑް-19 ގެ ހާލަތު ގޯސްވުމާއެކު އެޤައުމުގެ ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ ފްލައިޓްތައް އެތެރެވުމާއި ބޭރުވުން މަނާކޮށްފައެވެ.
މޯލްޑިވިއަން އިން ވިދާޅުވީ ބަންގްލަދޭޝް ސަރުކާރުގެ ނިންމުމާއި ގުޅިގެން، ބަންގްލަދޭޝްގެ ޑާކާއަށް މިމަހުގެ 28އާ އަހަމައަށް ކުރަން ހުރި ހުރިހާ ދަތުރެއް މެނދުކަނޑާލެވިފައި ކަމަށެވެ.
ކޯވިޑް-19އަށްފަހު މޯލްޑިވިއަން އިން ޑާކާއަށް އަލުން ދަތުރުތައް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ފަހުންވަނީ ޑާކާއަށް ކުރާ ދަތުރުތައް ހަފްތާއަކު 4 ދަތުރަށް އިތުރުވެސް ކޮށްފައެވެ.
ބަންގްލަދޭޝްގައި މިހާތަނަށް ޖުމަލް 732،000 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ވަނީ ޖެހިފައެވެ. އަދި މި ބަލީގައި 10،000އަށްވުރެ ގިނަ މީހުން އެޤައުމުން ވަނީ މަރުވެފައެވެ.