
ޖަޕާނުގައި ކިޔަވަން އުޅުނު ލަންކާ ދަރިވަރަކު އޭނާގެ އެކުވެރިޔާއަށް ވަޅިން ހަމަލާދީ މަރާލައިފި
# ސްރީ ލަންކާ-
ޖަޕާނުގެ ނަގަރެޔާމާ ސިޓީގައި އެކުގައި ދިރިއުޅެމުންދިޔަ އުމުރުން 21 އަހަރުގެ ސްރީލަންކާގެ ދަރިވަރަކަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި އެ ގައުމަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ދަރިވަރަކު ޖަޕާނު ފުލުހުން ހައްޔަރުކޮށްފިއެވެ.

ޖަޕާން ޓުޑޭގައި ރިޕޯޓުކޮށްފައިވާ ގޮތުން، މި ދެ މީހުންނަކީވެސް އެއް ގެއެއްގައި ދިރިއުޅެމުންދިޔަ ބައިނަލްއަގުވާމީ ދެ ދަރިވަރުންނެވެ. މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު، އެ މީހުން ދިރިއުޅޭ ގޭގެ ތެރޭގައެވެ. ތުހުމަތުކުރެވޭ ޒުވާނާ ވަނީ އަނިޔާ ލިބުނު ޒުވާނާގެ ބަނޑަށް ވަޅިން ހަމަލާދީފައެވެ.
މި ހާދިސާއަށްފަހު، ހަމަލާދިން ޒުވާނާ އަމިއްލައަށް ވަނީ އެމަޖެންސީ ނަންބަރަށް ގުޅައި ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. އަދި އަނިޔާ ލިބުނު މީހާ ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ފަހުން އޭނާ ވަނީ މަރުވެފައެވެ.
ފުލުހުން ހާދިސާ ހިނގި ސަރަހައްދަށް ގޮސް އުމުރުން އަށާރަ އަހަރުގެ ޒުވާނާއާ ސުވާލުކުރުމުން، އޭނާ ވަނީ އޭނާގެ އެކުވެރިޔާއަށް ވަޅިން ހަމަލާދިންކަމަށް އެއްބަސްވެފައެވެ.
ތަހުގީގުކުރާ ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، ހަމަލާދިން ޒުވާނާ ބުނެފައިވަނީ އޭނާއަށް ހަމަލާދެވުނީ އޭނާއާ ދިމާއަށް އެއްޖިންސުން ގުޅުން ހިންގާ މީހެކޭ ބުނެ މަލާމާތްކޮށް، އޭނާގެ މަންމައަށް ހުތުރު އެއްޗެހި ކިޔައި، އަދި އޭނާގެ ގައިގައި ޖެހުމުން އައި ރުޅީގައި ކަމަށެވެ.
ޖަޕާނު ފުލުހުން ވަނީ މި ދެމީހުންނަކީ ދަންނަ ދެމީހުންކަން ކަށަވަރުކޮށްދީފައެވެ. އަދި މިހާރު ފުލުހުން ދަނީ މި މަރުގެ ހާދިސާއާ ގުޅޭ އިތުރު ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.
ގުޅުންހުރި

ޖަޕާނުގައި ކިޔަވަން އުޅުނު ލަންކާ ދަރިވަރަކު އޭނާގެ އެކުވެރިޔާއަށް ވަޅިން ހަމަލާދީ މަރާލައިފި

އެމެރިކާގެ އިސް އޮފިޝަލަކު ލަންކާއަށް ވަޑައިގެންފި

ސިލޯނާއިއެކު ދިވެހީން ތެލެތޯން: ލަންކާއަށް ފައިސާ ފޮނުވުމަށް ހާރިޖީ ވުޒާރާއާއި ހަވާލުކޮށްފި




