
-
ތޫފާން ދީތުވާގެ ސަބަބުން ލަންކާއަށް ކުރިމަތިވި ބޮޑު ކާރިސާގައި އެގައުމުން މަރުވި މީހުންގެ އަދަދު 400 އާއި ގާތަށް ޖެހިލައިފި އެވެ.

ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ކާރިސާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން ބުނެފައިވަނީ ކާރިސާގައި މަރުވި މީހުންގެ އަދަދު 390 އަށް އަރާފައިވާ ކަމަށެވެ. އަދި ގެއްލުނު މީހުންގެ އަދަދުވެސް މިވަގުތާއި ހަމައަށް 352 އަށް އަރާފައިވާ ކަމަށެވެ.
އެގޮތުން ޑީއެމްސީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ ލަންކާގެ ކޭންޑީން އާއި ލަންކާގެ ބަދުއްލާއާއިންނެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ދިވެހީންވެސް އާންމުކޮށް ދަތުރުކޮށްއުޅޭ ލަންކާގެ ނޫރަލިއާއިންވެސް ގިނަ ބަޔަކު ވަނީ މަރުވެފައި އެވެ.
މީގެ އިތުރުން އެންމެ ގިނަ ބަޔަކު ގެއްލުނު ކަމަށް ރިޕޯޓުކޮށްފައިވަނީ ވެސް ކޭންޑީންނެވެ. އެގޮތުން އެސަރަހައްދުން މިހާތަނަށް 170 އަށްވުރެ ގިނަ މީހުން ގެއްލިގެން ރިޕޯޓުކޮށްފައިވެއެވެ.
ބޯކޮށް ވާރޭވެހި މަގުތައް ހަލާކުވެ، ކަރަންޓާއި މުވާސަލާތީ ހިދުމަތްތައް ކެނޑިގެން ދިޔަ ނަމަވެސް މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. ތޫފާނުގެ ލަންކާއަށް ދުރަށްޖެހި މޫސުން ރަނގަޅުވި ނަމަވެސް ކޯރުތައް ބަންޑުންޖަހާލައި ބިންގަނޑަށް އޭގެ އަސަރުކޮށް ބިންގަނޑު ކަނޑައިގެން ދިޔުމުގެ ގިނަ ހާދިސާތަކެއް އަދިވެސް ލަންކާގެ އެކި ކަންކޮޅުތަކުގައި ދަނީ ހިނގަމުންނެވެ. އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ފުރުސަތު ބޮޑު، ލަންކާގެ އާބާދީތައްވެސް ރައްކާތެރި ސަރަހައްދުތަކަށް އަންނަ ބަދަލުކުރަމުންނެވެ.
މި ތޫފާނުގެ ސަބަބުން ލަންކާގެ ސެންޓްރަލް، ސަބަރަގަމުވާ، ނޯތު ވެސްޓަރން އަދި ނޯތު ސެންޓްރަލް ޕްރޮވިންސްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ދާން ޖެހި، އަސާސީ ހިދުމަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ޓްރައި ފޯސަސް، ޕޮލިސް، ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޓީމުތަކާއި ވޮލަންޓިއަރުން ދަނީ އެކަހެރި ކޮމިއުނިޓީތަކާ ހަމައަށް ވާސިލުވުމަށް 24 ގަޑިއިރު މަސައްކަތް ކުރަމުންނެވެ.
އަދި މި އޮޕަރޭޝަންތައް އަދިވެސް ކުރިޔަށްދިޔުމާއިއެކު ފެންބޮޑުވުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
މި ކާރިސާއާއިއެކު އެގައުމު ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ އިއްޔެ މެންދުރު ވަނީ އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވާފައި އެވެ.







