logoEN
WAMCO TOP 1
ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީ 9 އިންސައްތަ މައްޗަށް!

ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީ 9 އިންސައްތަ މައްޗަށް!

އަހުމަދު ޝުރާއު

logo

8/12/2026, 4:28:02 PM

# ފިނޭންސް މިނިސްޓްރީ

-

ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، މިއަހަރުގެ އޯގަސްޓް މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 26.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

THE TRAVELLER AD

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވިކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 24.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.3 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

މި ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއް ވަނީ ދައުލަތަށް ލިބުނު ޓެކްސް އާމްދަނީއަށެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ 18.7 ބިލިއަން ރުފިޔާއިން 20.5 ބިލިއަން ރުފިޔާއަށް ނުވަތަ 10.1 އިންސައްތައަށް އިތުރުވެފައެވެ.

ޓެކްސް އާމްދަނީގެ ތަފްސީލަށް ބަލާއިރު، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 1.4 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން އާންމު މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް ނުވަތަ ޖީ.ޖީ.އެސް.ޓީ އިން ލިބުނު އާމްދަނީ ވަނީ 10.4 އިންސައްތަ ކުރިއަރައި، 3.4 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މުދަލާއި ޚިދުމަތުން ނަގާ ޓެކްސްގެ ގޮތުގައި ޖުމްލަ 10.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު 7.1 ބިލިއަން ރުފިޔާ ހިމެނެއެވެ.

އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކުންވެސް ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އިމްޕޯޓް ޑިއުޓީ 13.2 އިންސައްތަ އިތުރުވެ 2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ވަނީ 18.5 އިންސައްތަ އިތުރުވެ 5.3 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. ހަމައެއާއެކު ގްރީން ޓެކްސްގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރުވެ، 454.8 މިލިއަން ރުފިޔާއަށް އަރާފައެވެ. ދައުލަތުގެ ޕްރައިމަރީ ބެލެންސް މިހާރު ހުރީ 2.7 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ.

ކޮމެންޓް
ފަހުގެ
HDC