
މާލޭގައި އާންމުންނަށް އުނދަގޫނުވާނެހެން މަސްކައްކައި ރިހާކުރު ހެދޭނެ ގޮތެއް ހޯދަނީ
# މާލެ ސިޓީ ކައުންސިލް-
މާލޭގެ އާންމުން ދިރިއުޅޭ ރެސިޑެންޝަލް ބްލޮކްތަކުގައި ވިޔަފާރި އުސޫލުން ގޭގޭގައި މަސްކެއްކުމާއި، ރިހާކުރު ހެދުމާއި، މުގުރި މިރުހާއި ޕައުޑަރު ހަވާދު ހެދުމުގެ މަސައްކަތް ކުރާ ފަރާތްތަކަށް ރައްކާތެރި ޒޯނެއް ކަނޑައަޅައި، އެފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމާ މެދު މާލެ ސިޓީ ކައުންސިލުން ދިރާސާ ކުރަން ފަށައިފިއެވެ.

މިކަން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
މި މައްސަލަ ކައުންސިލްގެ ޖަލްސާއަށް ހުށަހަޅުއްވަމުން ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު އިސްމާއީލް ހަލީމް ވިދާޅުވީ، ގަލޮޅުގެ ބައެއް ގޭގޭގައި ޒަމާނުއްސުރެ މަސްކައްކައި ރިހާކުރު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ކުރަނީ އެ އާއިލާތަކުގެ ދެވަނަ ޖީލުގެ މީހުން ކަމަށާއި، ސަރަހައްދު ތަރައްގީވެ، ބޮޑެތި އިމާރާތްތައް ހެދެމުންދާއިރު މިކަމުގެ ސަބަބުން އާންމުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހަނި ގޯޅިތަކުގެ ތެރޭގައި ދަރު އަންދައިގެންނާއި ދުން އަރުވައިގެން މިފަދަ މަސައްކަތްތައް ކުރުމަކީ މިއަދުގެ މުޖުތަމައުގައި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިސްމާއީލް ހަލީމް އިތުރަށް ވިދާޅުވި ގޮތުގައި، އެ މަސައްކަތް ކުރާ ފަރާތްތަކުންވެސް ކައުންސިލުގައި އެދެމުންދަނީ އެކަމަށް އެހެން ގޮތެއް ހޯދައިދިނުމަށެވެ. މިއީ އާއިލީ ތަރިކައެއްގެ ގޮތުގައި ކުރަމުން އަންނަ މަސައްކަތަކަށްވެފައި، އިގްތިސާދަށް އުފެއްދުންތެރިކަމެއް ނެރެދޭ ބަޔަކު ނައްތާލުމުގެ ބަދަލުގައި، އާންމުންނަށް އުނދަގޫ ނުވާނެ ގޮތަކަށް އެ ފަރާތްތަކަށް މަސައްކަތް ކުރެވޭނެ މަގުފަހިކޮށްދޭންޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި އިންޑަސްޓްރިއަލް ޒޯންތަކެއް ހެދިފައިވާ ކަމަށެވެ. ނަމަވެސް މާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރުކާރުން ނަގާފައިވާ ކަމަށާއި، ވިލިމާލޭގައި އޮތް ތަން ތިލަމާލެ ބުރިޖުގެ މަސައްކަތަށް ބޭނުންކުރާތީ އެތަނުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. މީގެ އިތުރުން ތިލަފުއްޓަކީވެސް މިފަދަ މަސައްކަތްތަކަށް ހާއްސަ ތަނެއްކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ، ސިޓީ ކައުންސިލާ ބިންތައް ހަވާލުކުރެވިގެން މާ ރަނގަޅަށް ކަންކަން ކުރިއަށްދާނެ ކަމަށާއި، އެ ބިންތައް ކައުންސިލާ ހަވާލުކުރުން މުހިންމު ކަމަށެވެ.
މުޅި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އާންމުންނަށް އުނދަގޫ ނުވާނެ ގޮތަކަށް މި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ދިރާސާކުރުމަށް މިއަދުގެ ޖަލްސާގައި ވަނީ މާލެ ސިޓީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭން ކޮމިޓީއަށް ފޮނުވާލާފައެވެ.
ގުޅުންހުރި

މީހުން ނެތް ވަގުތު އޭސީތައް ނިވޭނެހެން މިސްކިތްތަކުގައި ސްމާޓް ސިސްޓަމެއް ހަރުކުރަނީ

މާލޭގައި އާންމުންނަށް އުނދަގޫނުވާނެހެން މަސްކައްކައި ރިހާކުރު ހެދޭނެ ގޮތެއް ހޯދަނީ

މާލެ ސިޓީގެ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅަނީ




