
މާލެ ސިޓީގެ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅަނީ
# މާލެ ސިޓީ ކައުންސިލް-
އާންމު ތަންތަނުގައި ރައްޔިތުންނަށް އުނދަގޫވާގޮތަށް ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތައް ހުއްޓުވުމަށް، ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިގޮތަށް ކައުންސިލުން ނިންމާފައިވަނީ ބުދަ ދުވަހު ކުރިއަށް ދިޔަ މާލެ ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ ބާރަވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި މުހިންމު ނިންމުން ނިންމާފައިވަނީ އެވަގުތު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ސޯޅަ ކައުންސިލަރުންގެ ފުރިހަމަ އިއްތިފާގުންނެވެ.
މި މައްސަލަ ކައުންސިލްގެ ޖަލްސާއަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާއެވެ.
ޒަހިއްޔާ ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައިވަނީ އާންމުތަންތަނުގައި ރައްޔިތުންނަށް އުނދަގޫވާގޮތަށް ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކާ މެދު ގާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެންގުމަށެވެ. މިއީ މާލޭގެ މަގުތަކާއި ޕާކުތަކުގައި އާންމުންނަށް ދިމާވާ މިފަދަ އުނދަގޫތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ހުށަހެޅުނު މައްސަލައެކެވެ.
މި މައްސަލަ ހުށަހަޅުއްވަމުން ޒަހިއްޔާ ވިދާޅުވީ މާލެ ސިޓީގައި އާންމުން އެއްވާ އެކި ތަންތަނާއި ޚާއްސަކޮށް ޕާކްތަކަށް ކުޑަކުދިން ގޮވައިގެން މައިންބަފައިން ހިތްފަސޭހަކޮށްލަން ގޮސް އުޅޭއިރު، ކައިރީގައި ތިބޭ މީހުންގެ ފަރާތުން ދުންފަތުގެ އިސްތިއުމާލުކުރުމުގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވަމުން އަންނަ ކަމުގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ. އަދި މިއީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމަކަށްވާއިރު، މިއީ ސިއްހީގޮތުން ބެލިނަމަވެސް ކުޑަކުދިންނަށް އޭގެ އެންމެ ނޭދެވޭ އަސަރުކުރާނެ ފަދަ ކަމެއްކަންވެސް ޒަހިއްޔާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. މި ނިންމުމާއެކު އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަދުވެ، މާލެ ސިޓީގެ މާހައުލަކީ އެންމެންނަށްވެސް ހިތްފަސޭހަ ރައްކާތެރި ތަނަކަށް ވެގެންދާނެ ކަމަށް ކައުންސިލުން އުއްމީދުކުރެއެވެ.
ގުޅުންހުރި

މީހުން ނެތް ވަގުތު އޭސީތައް ނިވޭނެހެން މިސްކިތްތަކުގައި ސްމާޓް ސިސްޓަމެއް ހަރުކުރަނީ

މާލޭގައި އާންމުންނަށް އުނދަގޫނުވާނެހެން މަސްކައްކައި ރިހާކުރު ހެދޭނެ ގޮތެއް ހޯދަނީ

މާލެ ސިޓީގެ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅަނީ




