
މީހުން ނެތް ވަގުތު އޭސީތައް ނިވޭނެހެން މިސްކިތްތަކުގައި ސްމާޓް ސިސްޓަމެއް ހަރުކުރަނީ
# މާލެ ސިޓީ ކައުންސިލް-
މާލޭގެ މިސްކިތްތަކުގައި ބޭނުންކުރާ އެއަރކޮންޑިޝަން (އޭސީ) ތަކަކީ ސިޓީ ކައުންސިލްގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ހިނގާ އެއް ކަންތައް ކަމަށްވާތީ، އެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން "ސްމާޓް ޕަވަރ ސިސްޓަމެއް" ގާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މިކަމަށް މަޝްވަރާ ކޮށްފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު އިސްމާއީލް ހަލީމް ބުދަ ދުވަހު ކުރިއަށް ދިޔަ މާލެ ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ ބާރަވަނަ ރަސްމީ އާންމު ޖަލްސާއަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ.
މި މައްސަލަ ހުށަހަޅުއްވަމުން އިސްމާއީލް ހަލީމް ވިދާޅުވީ، މިސްކިތްތަކުގައި މީހުން ނޫޅޭ ވަގުތުތަކުގައިވެސް އޭސީ ޖައްސާފައި ހުންނާތީ އާންމުންގެ ފާޑުކިއުންތަކާއި ހަޖޫޖެހުމުގެ ވާހަކަތައް އަމާޒުވަމުންދާ ކަމަށެވެ. އަދި މިފަދަ ކަންކަމަށް ވިސްނާލިއިރު، މާކެޓްގައި މޯޝަން ސެންސަރު ހުރި ސިސްޓަމްތައް ލިބެން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އިސްމާއީލް ހަލީމް އިތުރަށް ވިދާޅުވީ، ފިނިހޫނުމިން ދެނެގަނެގެންނާއި، މީހުން ހަރަކާތެރިނުވާނަމަ ނުވަތަ ވަކި ޓައިމަރެއް ސެޓްކޮށްގެން އޭސީ ނިއްވާލެވޭނެ ގޮތްތައްވެސް މިހާރު ހުރި ކަމަށެވެ.
މީގެ އިތުރުން ނަމާދު ވަގުތުގެ ބައިގަޑިއިރު ކުރިން އޮޓޯއިން އޭސީ ޖެހޭގޮތަށް އަދި ނަމާދު ނިމޭތާ ބައިގަޑިއިރު ފަހުން އޮޓޮމެޓިކުން ނިވޭގޮތް ހެދުމަށް ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ބައެއް ބޭފުޅުންނާ މަޝްވަރާކޮށްލުމުން، އެފަދަ ސުވިޗެއް ހަރުކުރުމަކީ ގާތްގަނޑަކަށް ދުއިސައްތަ ފަންސާސް ވަރަކަށް ރުފިޔާއަށް ލިބޭ، މާ ބޮޑު ހަރަދެއް ދާނެ ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށްވެސް ހަލީމް ފާހަގަކުރެއްވިއެވެ.
މި މައްސަލައާ ގުޅޭގޮތުން މޭޔަރ އާދަމް އާޒިމް ވިދާޅުވީ، މުޅި މާލެ ސިޓީ ކައުންސިލްގެ ހުރިހާ އިމާރާތްތަކާއި ކައުންސިލުން ބަލަހައްޓަމުންދާ އިމާރާތްތައްވެސް މިގޮތަށް ބަދަލުކުރުމަށް ވިސްނަވާ ކަމަށެވެ.
ގުޅުންހުރި

މީހުން ނެތް ވަގުތު އޭސީތައް ނިވޭނެހެން މިސްކިތްތަކުގައި ސްމާޓް ސިސްޓަމެއް ހަރުކުރަނީ

މާލޭގައި އާންމުންނަށް އުނދަގޫނުވާނެހެން މަސްކައްކައި ރިހާކުރު ހެދޭނެ ގޮތެއް ހޯދަނީ

މާލެ ސިޓީގެ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅަނީ




