logoEN
WAMCO TOP 1
މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ރަޖިސްޓަރވުމަށް ހުޅުވައިލައިފި

މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ރަޖިސްޓަރވުމަށް ހުޅުވައިލައިފި

# ދިރާގު

ދިރާގު މޯލްޑިވްސް ރޯޑް ރޭހެއްގެ ތެރެއިން

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2026 ގައި ބައިވެރިވުމަށް ރަޖިސްޓަރކުރުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

THE TRAVELLER AD

މި އަހަރު ޑީއެމްއާރްއާރް ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ނޮވެމްބަރ 2026ވާ ހުކުރު ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ޑީއެމްއާރްއާރްގެ ރަޖިސްޓްރޭޝަން ހުޅުވައިލައިފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި، ދިރާގާއިއެކު މި އިވެންޓް ކާމިޔާބުކޮށް ކުރިއަށްގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ޕަރޓްނަރުންކަމުގައިވާ އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ޕޮލިސް ސަރވިސް، އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ޕްރެސް ކޮންފަރެންސްގައި މި އަހަރުގެ ދުވުމުވަށް މުޅިން އައު ހަތަރު ޓީމު ކެޓަގަރީ ވަނީ ތައާރަފުކޮށްފައެވެ. މީގެ ތެރޭގައި ކޯޕަރޭޓް ޓީމް، ރިޒޯޓް ޓީމް، ރަނިންގ ކްލަބްސް އަދި ކޮލެޖް/ޔުނިވަރސިޓީ ކެޓަގަރީ ހިމެނެއެވެ. މީގެން ކޮންމެ ކެޓަގަރީއެއްގައި ވެސް ހަތަރު ދުވުންތެރިންގެ ޓީމުތަކުން ބައިވެރިވެވޭނެއެވެ. އަދި ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަން ޓީމެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި ކެޓަގަރީތަކުގެ އިތުރުން، މި އަހަރު ވެސް ހާފް މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ. އެހެންކަމުން މިހާރު dmrr.dhiraagu.com.mv މެދުވެރިކޮށް މި ދުވުމަށް ރަޖިސްޓަރކުރެވޭނެއެވެ. މި ދުވުމުގެ އެކި ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމްލަ 296,000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅައިފައެވެ.

''ޑީއެމްއާރްއާރް އަކީ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ދުވުމެއް. އަޅުގަނޑުމެންގެ މަގުސަދަކީ މި އަހަރުގެ ދުވުމުގައި ވެސް ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ހިތްވަރުދީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުމުގެ އާދަ އަށަގަންނުވައި، މި ކަމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުވުން. އަދި، މި އަހަރު މި ތައާރަފްކުރި ކެޓަގަރީތަކުގެ އެހީގައި، މި ދުވުމުގައި ބައިވެރިވެވޭނެ އިތުރު މަގުތައް ފަހިވެ އެކަކު އަނެކަކާ ގުޅުންބަދަހިކުރުމުގެ އިތުރު ފުރުސަތުތައް ލިބިގެންދާނެކަމަށް އުންމީދުކުރަން"، ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މުޙައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.

ޑީއެމްއާރްއާރް އަކީ ވޯރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ދުވުމެވެ. މި ދުވުމުގެ އިވެންޓުގައި ސަރަހައްދީ ގައުމުތަކުގެ ދުވުންތެރިން ވެސް ބައިވެރިވެއެވެ.

އެހެން އަހަރުތަކާ އެއްފަދައިން، ޑީއެމްއާރްއާރް 2026 އަކީ ވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ގޮތުން ދިރާގުން މި އަހަރުގެ އިވެންޓުގައި އެންޑޯޒްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާތަކުން ރާވައިފައިވާ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 200،000 ރުފިޔާ ގެ ފައިސާގެ އެހީތެރިކަން ދިރާގުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ހަމަހަމަކޮށް އެންޑޯޒްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށް ވެސް ދިރާގުން ވަނީ ނިންމައިފައެވެ. ނިމިދިޔަ އަހަރު، ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވި ޖަމްއިއްޔާތަކަށް އެހީތެރިވުމުގެ ގޮތުން، ދިރާގުން ވަނީ ޖުމްލަ 685,000 ރުފިޔާ ހަދިޔާކޮށްފައެވެ.

ޑީއެމްއާރްއާރްގެ ރަޖިސްޓްރޭޝަން ދިރާގުން މިހާރުވަނީ ހުޅުވައިލައިފައެވެ. އަދި 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެން މި އިވެންޓްގައި ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެއެވެ.

ކޮމެންޓް
ފަހުގެ
HDC