
މަގޭ ބިޓުގެ ވެޑިންގެ ޕޯސްޓަރ
މަގޭ ބިޓުގެ ވެޑިން ގެ ޕޯސްޓަރާ، ތަރިން ހާމަކޮށްފިއެވެ.

ރާއްޖޭގައި ފިލްމު އުފެއްދުމުގައި އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކުރިޔަށް އޮތް ފިލްމު "މަގޭ ބިޓްގެ ވެޑިން" އަކީ މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުއާދު ޕްރޮޑިއުސްކުރާ ރޮމޭންޓިކް ކޮމެޑީއެކެވެ.
ލޯތްބާއި، މަޖާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދަނީ ޝަރަފް އަބްދުﷲ އާއި ފާތިމަތު ރިޔާ އެވެ. އަދި ކުޅަދާނަ ކޮމެޑީ އެކްޓަރު ޝާފިއު (ފުބޫ)، ޝީލާ ނަޖީބު އަދި ތުއްތު ސައީދު ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. އޭގެ އިތުރުން އާމިނަތު ނޫރާ އާއި އަބްދުﷲ ޒަލީޝާން، ހާފިޒް މުހައްމަދު ވެސް މި ފިލްމުން ފެންނާނެއެވެ.
ޝަހުދާ މަހްމޫދު ލިޔެ ޑައިރެކްޓްކުރާ މި ފިލްމަކީ "ބިބީ" އަށް ފަހު ޑައިރެކްޓްކުރާ ދެވަނަ ފިލްމެވެ. 2024 ވަނަ އަހަރު ރިލީޒްކުރި ހޮރޯ-ކޮމެޑީ "ބިބީ" އަކީ ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. "މަގޭ ބިޓްގެ ވެޑިން" ގައިވެސް "ބިބީ" ގެ ޓީމުގެ ގިނަ މެންބަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި އެޑިޓަރ އަލީ ޝިފާއު (ޗިއްޕެ) އާއި ސިނެމަޓޯގްރަފީ ހެދި އަހުމަދު ޒިފާފް ހިމެނެއެވެ.
"މަގޭ ބިޓްގެ ވެޑިން" ސިނަމާތަކަށް އަންނާނީ 3 ސެޕްޓެމްބަރު 2026 ގައެވެ. މި ފިލްމަކީ އާއިލީ އަދި ޒުވާނުންނަށް ކަމުދާނެ، މަޖާ އަދި ޝައުގުވެރި ހާދިސާތަކެއް ފެނިގެންދާނެ ފިލްމެއް ކަމަށް ބެލެވެއެވެ. މިއީ ޑާކް ރެއިން އެންޓަޓެއިންމަންޓުގެ ކާމިޔާބީގެ ސިލްސިލާއަށް އިތުރުވާނެ ވަރުގަދަ ބޮޅެކެވެ.





