
ޖަންނަތުގެ ކްލެސިފިކޭޝަން
ޑާކް ރެއިން އެންޓަރޓެއިންމެންޓުން ގެނެސްދޭ ދިވެހި ފިލްމު 'ޖަންނަތު' މިރޭ އޮލިމްޕަސް ސިނަމާގައި ޕްރެމިއަރ ކުރާނެއެވެ.

އޮލިމްޕަހުގައި ކުލަގަދަ ހަފުލާއަކާއެކު މި ފިލްމު ޕްރެމިއަރ ކުރުމަށް ނިންމާފައިވާއިރު، މިއީ ގިނަ ބަޔަކު ބެލުމަށް އިންތިޒާކުރާ ފިލްމެއް ވެސް މެއެވެ.
މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ މަގުބޫލު އެއް ތަރި ކަމަށްވާ ޝަރަފް ޢަބްދުﷲ އާއި އާމިނަތު ޝުހާ އެވެ. މީގެ އިތުރުން ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ) އާއި އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، ޢާއިޝަތު ޔާދާ ވެސް މުހިންމު ރޯލުތަކުން ފެންނާނެއެވެ. ފިލްމުގެ މުހިންމު އިތުރު ކާސްޓުންގެ ތެރޭގައި އަފްރާހް އަދި އަންޖީ ހިމެނެއެވެ.
އޯޓިޒަމް ހުންނަ، އެހެނަސް ހިތު ހިސާބުގެ އިތުރުން ތަފާތު ހުނަރުތަކެއް ލިބިފައިވާ ބައްޕައެއްގެ މައްޗަށް ބިނާކޮށްލިޔެފައިވާ މި ފިލްމުގައި މި ޗެލެންޖިންގ ރޯލު އަދާކޮށްފައިވަނީ ޝަރަފް އެވެ. އޭނާގެ ދަރިފުޅުގެ ރޯލުން ފެނިގެންދާނީ ފިލްމުގެ ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) އަދި ޢާއިޝަތު ފުއާދުގެ ދަރިފުޅު މާހްރީން މުޙައްމަދު ޢަލީ (މަފިން) އެވެ. މިއީ މަފިން މިހާ ވަރުގަދަ ރޯލަކުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.
ޢަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ “ޖަންނަތު” ގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ ޢާއިޝަތު ފުއާދު އަދި އަޙްމަދު ޠަލާލެވެ. ކެމެރާކޮށްފައިވަނީ އަހުމަދު ޒިފާފެވެ.





