
ހުއިފިލަނޑާ އެކްސްޕޯޓްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ޕްރޮސެސިންގ ލައިސަންސް ނެގުމަށް ހުޅުވާލައިފި
# މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ-
ހުއިފިލަނޑާ އެކްސްޕޯޓްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ޕްރޮސެސިންގ ލައިސަންސް ނަގާފައި ނުވާ ފަރާތްތަކުން ލައިސަންސް ނެގުމަށް ކެޔޮޅު ޕޯޓަލް މެދުވެރިކޮށް ފުރުސަތު ހުޅުވާލައިފިއެވެ.

މިގޮތުން ލައިސަންސް ނެގުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚަކީ މި މަހުގެ 20 ވަނަ ދުވަހެވެ.
ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ކައްޗަލަ އަކީ، 2022 ވަނަ އަހަރުގެ 'ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝިޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ' (ސައިޓީސް) ބައްދަލުވުމުގައި އެބާވަތުގެ އާބާދީ ދައްވަމުންދާކަމުގެ ހެކިތަކަށް ބުރަވެ، އެ މުޢާހަދާގެ ޖަދުވަލު 2 ގައި ހިމަނާފައިވާ ބާވަތެކެވެ. ސައިޓީސް މުއާހަދާގެ ޖަދުވަލު 2 ގައި ހިމެނޭ ބާވަތްތައް އެކްސްޕޯޓްކުރެވޭނީ އެ ޤައުމެއްގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީން ދޭ ހުއްދައަކާ އެކުގައެވެ.
މިފަދަ ބާވަތްތައް އެކްސްޕޯޓްކުރުމަށް ހުއްދަދެވޭނީ އެ ޤައުމެއްގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީން ތައްޔާރުކުރާ "ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ" (އެންޑީއެފް) އަކުން، އެ ބާވަތުގެ ދިރޭތަކެތި، އޭގެ މާހައުލުން ނަގައި އެކްސްޕޯޓުކުރާ މިންވަރަކީ އާބާދީއަށް ގެއްލުމެއް ނުވާނެ އަދި ދެމެހެއްޓެނިވި ގޮތަކަށް ނެގޭ މިންވަރެއްކަން ކަނޑައެޅުމުންނެވެ.
މިކަމާ ގުޅިގެން، ދިވެހިރާއްޖޭގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީ ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ވަނީ މި ބާވަތުގެ މަސްވެރިކަމުގެ އެންޑީއެފް ތައްޔާރުކޮށް އެކްސްޕޯޓް ކުރެވޭނެ މިންވަރު ކަނޑައަޅާފައެވެ. އަދި ވޭތުވެދިޔަ 3 އަހަރު ދުވަހު ހުއިފިލަނޑާ އެކްސްޕޯޓްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓީގެ ލައިސަންސް ނަގާފައިވާ ފަރާތްތަކުގެ މެދުގައި ކޯޓާ ބަހާލުމުގެ މިންގަނޑެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުންނެވެ.
މި މަސައްކަތަކީ ސަރުކާރުގެ ލަފަޔާއި އިރުޝާދުގެ ދަށުން މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް، ފުޅާކޮށް ކުރިއެރުވުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މިނިސްޓްރީގެ 3322625 ނަންބަރަށް ގުޅުއްވުމަށް އެދެއެވެ.
ގުޅުންހުރި

ހުއިފިލަނޑާ އެކްސްޕޯޓްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ޕްރޮސެސިންގ ލައިސަންސް ނެގުމަށް ހުޅުވާލައިފި

ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ފަރުމަސްވެރިކަމަށް ޚާއްޞަ ފުރަތަމަ އައިސްޕްލާންޓް އއ. އުކުޅަހުގައި ތަރައްޤީކުރަނީ




