
ރުއްގަހަށް ޖެހޭ ބަލިތައް މަދުކުރުމަށް 'ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރު' ރަސްމީކޮށް ހުޅުވުމަށް ވަޒީރު ޝިޔާމު ހަނިމާދޫއަށް!
# މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ-
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި، އެ ވުޒާރާގެ އިސް ބޭފުޅުންގެ ވަފުދެއް ހދ. ހަނިމާދޫއަށް ވަޑައިގެންފިއެވެ.

ވަޒީރުގެ މި ދަތުރުފުޅަކީ، ރާއްޖޭގެ ރުއްގަހަށް ބޮޑު ގެއްލުމެއް ދެމުންދާ ކުދި ރުކުމަޑި (ކޮކޮނަޓް ހިސްޕިޑް ބީޓްލް) ކޮންޓްރޯލް ކުރުމަށްޓަކައި ޤުދުރަތީ ގޮތުން އެފަދަ ސޫފިތަކަށް ހަމަލާދޭ ފަނިފަކުސަ އާލާކުރާ 'ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރު' ރަސްމީކޮށް ހުޅުއްވައިދެއްވުމެވެ.
މި ސެންޓަރު ހުޅުވުމުގެ އިތުރުން، ދިވެހިރާއްޖޭގެ ރުއްގަހަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ފަނިފަކުސަ ކޮންޓްރޯލްކުރުމަށްޓަކައި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ޗައިނާ ސަރުކާރު ގުޅިގެން "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްވެސް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ވަނީ ފަށާފައެވެ.
2026 އޮގަސްޓް 2 އިން 6 ގެ ނިޔަލަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމުގައި ކްލާސްރޫމް ތިއަރީ ސެޝަންތަކުގެ އިތުރުން ޢަމަލީ ތަމްރީނުތައް ކުރިއަށްދާނެއެވެ. މި ތަމްރީނުތައް ނަގައިދެނީ ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ ފަންނީ މާހިރުންނެވެ.
މި ޕްރޮގްރާމާއި އައު މަރުކަޒުގެ މައިގަނޑު މަޤްޞަދަކީ ކެމިކަލް ބޭނުންކުރުމުގެ ބަދަލުގައި ޤުދުރަތީ ދިރުންތައް ބޭނުންކޮށްގެން ޕެސްޓް ކޮންޓްރޯލް ކުރާނެ ގޮތްތަކާއި، ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ފަނިފަކުސަ އިދާރީގޮތުން ކޮންޓްރޯލްކުރުމުގެ ޒަމާނީ އުކުޅުތައް ބައިވެރިންނަށް ދަސްކޮށްދިނުމެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރުއްގަސްތަކަށް ލިބެމުންދާ ގެއްލުންތައް ކުޑަކޮށް، ދަނޑުވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
ގުޅުންހުރި

ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ފަރުމަސްވެރިކަމަށް ޚާއްޞަ ފުރަތަމަ އައިސްޕްލާންޓް އއ. އުކުޅަހުގައި ތަރައްޤީކުރަނީ

ރުއްގަހަށް ޖެހޭ ބަލިތައް މަދުކުރުމަށް 'ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރު' ރަސްމީކޮށް ހުޅުވުމަށް ވަޒީރު ޝިޔާމު ހަނިމާދޫއަށް!




