logoEN
WAMCO TOP 1
ރިސޯޓުތަކުން ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހޭ އުސޫލު އުވާލަނީ

ރިސޯޓުތަކުން ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހޭ އުސޫލު އުވާލަނީ

އަހުމަދު ޝުރާއު

logo

8/11/2026, 11:58:51 AM

# އެމްއެމްއޭ

-

ދިވެހިރާއްޖޭގެ ފައިސާއާ ބެހޭ ސިޔާސަތު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރުފައިސާގެ ޤާނޫނަށާއި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ގެންނަން ފެންނަ އިސްލާހުތައް އާންމުކޮށްފިއެވެ.

THE TRAVELLER AD

މިގޮތުން ގެންނަން ނިންމާފައިވާ އެންމެ ބޮޑު އެއް ބަދަލަކީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ ތެރެއިން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ނަގަމުން އައި 500 ޑޮލަރު އުވާލުމެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޢަމަލުކުރަން ފެށި ބޭރުފައިސާގެ އައު ޤާނޫނުގެ ދަށުން، ރާއްޖެ ވަންނަ ބޭރުފައިސާގެ ވަކި އިންސައްތައެއް ބޭންކުތަކަށް މާރުކުރަން ލާޒިމުކޮށްފައިވެއެވެ. އޭގެތެރެއިން ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ ލިބޭ ބޭރުފައިސާގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހޭގޮތަށް އޮތް އޮތުން، މިހާރު ގެންނަން ހުށަހަޅާފައިވާ އިސްލާހާއެކު ބަދަލުވެގެންދާނެއެވެ.

ނަމަވެސް ގެސްޓް ހައުސް ވިޔަފާރިތަކުގެ ގިންތިން ބޮލަކަށް މާރުކުރަން ޖެހޭ 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ މިހާރުވެސް އޮތް ގޮތަށް ދަމަހައްޓަން ވަނީ ނިންމާފައެވެ.

ގެންނަން ހުށަހަޅާފައިވާ މުހިންމު އެހެނިހެން ބަދަލުތައް:
  1. ވިޔަފާރިތަކުގެ މިންގަނޑު މަތިކުރުން: ފަތުރުވެރިކަމުގެ ދާއިރާ ނޫން އެހެނިހެން ވިޔަފާރިތަކުގެ ގިންތިއަށް ފެތުމަށް ކުރިން 15 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބެންޖެހޭގޮތޮަށް އޮތް އޮތުން 25 މިލިޔަން ޑޮލަރަށް މަތިކުރުން.
  2. ލުއިތައް ދިނުން: ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މާރުކުރަންޖެހޭ މިންވަރުގެ ޝަރުތުތަކާއި މުރާޖަޢާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ޤާނޫނުގެ ތެރެއިން ދިނުން.
  3. ޕޭމަންޓް ސިސްޓަމް ހަރުދަނާކުރުން: ރާއްޖޭގައި ބޭނުންކުރާ ޕޮއިންޓް އޮފް ސޭލްސް (ޕޮސް) ސިސްޓަމްތަކަކީ ރާއްޖޭގައި ޤާއިމްކުރެވިފައިވާ ބޭންކަކާ ގުޅިފައިވާ ނިޒާމުތަކަކަށް ހެދުމާއި، މުޢާމަލާތްތައް ދެނެގަތުމަށް ނޭޝަނަލް ސްވިޗެއް ޤާއިމުކުރުން.

އެމްއެމްއޭއިން ވިދާޅުވީ މި އިސްލާހުތައް އެކުލަވާލައި ބަންޑާރަ ނައިބުގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

އަދި ނޭޝަނަލް ސްވިޗް ޤާއިމުކުރުމާ ގުޅޭ ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ހުށަހެޅި އިސްލާހު މިހާރު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފައިވާ ކަމަށްވެސް އެ މަރުކަޒީ ބޭންކުން ވިދާޅުވެއެވެ.

ކޮމެންޓް
ފަހުގެ
HDC