
ބަޓިކް އެއަރގެ ފްލައިޓެއް ވައިގެ ތެރޭގައި އޮއްވައި އިމަޖެންސީ ދޮރު ހުޅުވަން އުޅުނު މީހަކު ހައްޔަރުކޮށްފި
# އިންޑިއާ--
މެލޭޝިއާގެ ކުއަލަލަމްޕޫރުން އިންޑިއާގެ ކޮޗީއަށް ދަތުރުކުރި 'ބަޓިކް އެއަރ' ގެ ފްލައިޓެއް ވައިގެ ތެރޭގައި އޮއްވައި، ފްލައިޓުގެ އިމަޖެންސީ ދޮރު ހުޅުވަން މަސައްކަތްކުރި އިންޑިއާ ރައްޔިތަކު ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 9,144 މީޓަރު (ގާތްގަނޑަކަށް 30,000 ފޫޓު) މަތިން ފްލައިޓު ދަތުރުކުރަމުން ދަނިކޮށެވެ.
އުމުރުން 36 އަހަރުގެ ޖަމްޝީރު އަަތަނިއްކަލް ނަމަކަށް ކިޔާ މި މީހާ ވަނީ ކުއްލިއަކަށް ފްލައިޓުގެ އިމަޖެންސީ ދޮރު ހުޅުވަން މަސައްކަތްކޮށް، ދޮރުގެ ބިއްލޫރިގަނޑަށް ގެއްލުންދީފައެވެ. އަދި އޭނާ ހުއްޓުވަން މަސައްކަތްކުރި ކްރޫއިންނާއި އެހެން ފަސިންޖަރުންނަށް އޭނާ ވަނީ ބިރުދައްކައި އިންޒާރުވެސް ދީފައެވެ.
ނަމަވެސް ފްލައިޓުގެ ކްރޫއިންނާއި ފަސިންޖަރުން ވެގެން ވަނީ އޭނާ ހިފަހައްޓައި ޒިޕް ޓައި ބޭނުންކޮށްގެން އޭނާ ވަނީ ބަނދެފައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން މި ބިރުވެރި މަންޒަރު ފެނިގެންދެއެވެ.
ފްލައިޓު ކޮޗީ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސުމާއެކު، އޭނާ ވަނީ ހައްޔަރުކޮށް ފުލުހުންނާ ހަވާލުކޮށްފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް ވަނީ އާންމުންގެ ފުރާނައަށް ނުރައްކާކުރުމާއި، ސަލާމަތީ ގަވާއިދުތަކާ ހިލާފުވުމުގެ ކުށުގެ އިތުރުން 'މީހަކު މަރާލަން އުޅުމުގެ' ދައުވާވެސް އުފުލާފައެވެ. ސަބަބަކީ އޭނާގެ އެ އަމަލުގެ ސަބަބުން ފްލައިޓުގައި ތިބި އެންމެންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުންނެވެ.
މިފަދަ ކަމެއް ކުރީ ކީއްވެގެންތޯ ފުލުހުން ސުވާލުކުރުމުން އޭނާ ބުނެފައިވަނީ، އެވަގުތު ކުއްލިއަކަށް އެކަން ކުރާ ހިތްވީ ކަމަށެވެ.






