
އިންޑިއާ މީހުން ރާއްޖެއަށް ލޭ ހަދިޔާ ކޮށްފި
# އިންޑިއާ# ރާއްޖެ-އިންޑިއާ# ލޭ ހަދިޔާކުރުން# މޯލްޑިވްސް ބްލަޑް ސާވިސްއޮރެންޖު ހިޔާ
އަވަށްޓެރި އިންޑިއާ މީހުން ރާއްޖެއަށް ލޭ ހަދިޔާ ކުރުމުގެ ހާއްސަ ކޭމްޕެއް ބާއްވައިފިއެވެ.

މިއީ އެގައުމުގެ 80 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި، އިންޑިއަން ކަލްޗަރަލް ސެންޓަރ އަދި އޯވާސީސް ޓަމިލް ވެލްފެއަރ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ މި ކޭމްޕާއި ގުޅޭގޮތުން އޯވާސީސް ޓަމިލް ވެލްފެއަރ އެސޯސިއޭޝަނުން ވިދާޅުވެފައިވަނީ އިޖުތިމާއީ މި ހަރަކާތުގެ މަޤްޞަދަކީ އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަށް ހިތްވަރު ދިނުން ކަމަށެވެ. އަދި ލޭ ހަދިޔާކުރުމުގެ މުހިންމުކަމާ މެދު އާންމުން ހޭލުންތެރިކުރުވާ އިޖުތިމާއީ ޚިދުމަތާއި އެކުވެރިކަމުގެ ރޫޙު އާލާ ކުރުން ކަމަށެވެ.
ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާގައި ކުރިއަށް ގެންދިޔަ މި ކޭމްޕުގައި 58 މީހުންވަނީ ލޭ ހަދިޔާކޮށްފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ލޭ ހަދިޔާކޮށްފައިވަނީ، މާލެ ސަރަހައްދުގައި މަސައްކަތް ކުރާ އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ.
ޓަމިލް ވެލްފެއަރ އެސޯސިއޭޝަނުން ބުނީ އެކި ބާވަތްތަކުގެ ލޭ ހޯދުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި މިފަދަ ހަރަކާތްތައް މެދުވެރިކޮށް އިންސާނިއްޔަތު ކަމުގެ ރޫޙު އާލާވެ، ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ދިނުމަށް މަގުފަހިވާ ކަމަށެވެ. އެ އެސޯޝިއޭޝަނުން ވަނީ، ކުރިމަގުގައިވެސް މިފަދަ ހަރަކާތްތަކުގެ ޒަރިއްޔާއިންނާއި ފަރުދީ ފެންވަރެއްގައިވެސް އެ ފަރާތްތަކުން ލޭ ހަދިޔާ ކުރުމަށް ތައްޔާރަށް ތިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.އިންޑިއާ ހައިކޮމިޝަނުން އިސްނަގައިގެން ކޮންމެ އަހަރަކުވެސް ލޭ ހަދިޔާ ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. މިފަދަ އެކި ހަރަކާތްތަކުގައި ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުންގެ އެއްބާރުލުން ލިބި، ގިނަ އަދަދެއްގެ ބަޔަކު ލޭ ހަދިޔާކުރާކަން ހައިކޮމިޝަނުން ފާހަގަކުރެއެވެ.





