logoEN
WAMCO TOP 1
މުވައްޒަފުންނަށް ކުރެވޭ އިންވެސްޓަކީ މުޅި ރާއްޖޭގެ ތަރައްޤީއަށް ލިބޭ ކުރިއެރުމެއް - ސްޓެލްކޯގެ އެމްޑީ

މުވައްޒަފުންނަށް ކުރެވޭ އިންވެސްޓަކީ މުޅި ރާއްޖޭގެ ތަރައްޤީއަށް ލިބޭ ކުރިއެރުމެއް - ސްޓެލްކޯގެ އެމްޑީ

އަހުމަދު ޝުރާއު

logo

8/11/2026, 7:42:42 AM

# ސްޓެލްކޯ

-

މުވައްޒަފުންނަށް ކުރެވޭ އިންވެސްޓަކީ މުޅި ރާއްޖޭގެ ތަރައްޤީއަށް ލިބޭ ކުރިއެރުމެއްކަމުގައި ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

އަޒުވަރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކާ ގުޅިގެން ސްޓެލްކޯގެ މުވައްޒަފުންނަށް ފެށި ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންެވެ.

ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކޮށް ޤާބިލުކަން އިތުރުކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، ކުންފުނީގެ އެކި ޑިޕާޓްމަންޓ୍ތަކުންނާއި އަތޮޅުތެރޭގެ އިންޖީނުގެތަކުން ޖުމްލަ 76 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މިއަދު ފެށިގެން ކުރިއަށްދާ 4 ކޯހަކީ ސެޓްފިކެޓް ލެވެލް 3 ގެ އިލެކްޓްރީޝަން ކޯހާއި، އެއަރކޮންޑިޝަނިންގ އެންޑް ރެފްރިޖަރޭޝަން ކޯހާއި، ވެލްޑިންގ އެންޑް މެޓީރިއަލް ފެބްރިކޭޝަން ކޯހުގެ އިތުރުން އޮޓޯމޯޓިވް މެއިންޓަނެންސް ކޯހެވެ. އެ މުވައްޒަފުން ވަނީ މޯލްޑިވްސް ޕޮލިޓެކްނިކްގެ އޯގަސްޓް 2026 އިންޓޭކުގައި ބައިވެރިވެ ކޯސްތައް ފަށާފައެވެ.

ޑރ. އަޒުވަރު ފާހަގަކުރެއްވި ގޮތުގައި، މި ޓްރެއިނިންގްތައް ނިމިގެންދާއިރު ސެޓްފިކެޓެއް ލިބުމަކީ މިންގަނޑެއް ނަމަވެސް، އެންމެ މުހިންމު ކަމަކީ މުވައްޒަފުން ޝައުޤުވެރިކަމާއެކު ސެޝަންތަކުގައި ބައިވެރިވެ، ސުވާލުކޮށް، ޢަމަލީގޮތުން ޕްރެކްޓިކަލްސްތަކުގައި ބައިވެރިވެގެން އައު ކަންތައްތައް ދަސްކުރުމެވެ.

މި ޓްރެއިނިންގްތަކަށްފަހު މުވައްޒަފުންގެ މަސައްކަތުން އެދެވޭ ނަތީޖާ ފެނިގެންދާނެ ކަމަށާއި، މުވައްޒަފުންނަށް ލިބޭ ކުރިއެރުމަކީ ސީދާ ކުންފުންޏަށާއި ކުންފުނީގެ ޚިދުމަތް ހޯދާ އާންމުންނަށް އަދި އެއާއެކު މުޅި ރާއްޖޭގެ ތަރައްޤީއަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ކޯސްތަކަކީ ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ހުނަރާއި ޤާބިލުކަން އިތުރުކޮށް، ޤައުމީ ފެންވަރުގައި ބަލައިގަނެވޭ ފެންވަރުގެ ސަނަދެއް މުވައްޒަފުންނަށް ހޯދައިދިނުމަށްޓަކައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ. މި ކޯސްތައް ފެށުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯއާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް
ފަހުގެ
HDC