
--
ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަކްޝޭ ކުމާރު، އިންޑިއާގެ ކުރީގެ ލެޖެންޑަރީ އެކްޓަރ ރާޖޭޝް ކަންނާގެ ރޯލު ކުޅުމަށް ހަމަޖެހިފައިވާ ކަމުގެ ޚަބަރުތަކެއް ފެތުރެން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އަކްޝޭ މި ރޯލު ކުޅުމަށް ހަމަޖެހިފައިވަނީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރ އާރު.ޑީ ބަރމަންގެ ހަޔާތުގެ މައްޗަށް އުފައްދާ ބަޔޮޕިކް ފިލްމެއްގައެވެ.
މި އުންމީދީ ފިލްމު އުފައްދަނީ ބޮލީވުޑްގެ ކުޅަދާނަ ދެ ޑައިރެކްޓަރުން ކަމަށްވާ ފަރްހާން އަކްތަރާއި ނީރަޖް ޕާންޑޭ ގުޅިގެންނެވެ.
އާރު.ޑީ ބަރމަން އަކީ އިންޑިއާގެ މިއުޒިކީ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ފަންނާނަށް ވާއިރު، އޭނާ އާއި ރާޖޭޝް ކަންނާއަކީ ފިލްމީ ދާއިރާގައި ވަރަށް ގާތް، އަދި އެކުގައި ގިނަ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ދެ ތަރިންނެވެ. އެހެންކަމުން އާރު.ޑީ ބަރމަންގެ ހަޔާތުގެ ވާހަކަ ކިޔައިދޭއިރު، ރާޖޭޝް ކަންނާގެ ކެރެކްޓަރަކީ ފިލްމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ރޯލެކެވެ.
އެންމެ ޝައުގުވެރި އެއް ކަމަކީ، އަކްޝޭ ކުމާރު ކުޅެން މި ހަމަޖެހުނު ރާޖޭޝް ކަންނާ އަކީ އޭނާގެ އަންހެނުން ޓްވިންކަލް ކަންނާގެ ބައްޕަ (އަކްޝޭގެ ބަފައިބެ) އަށް ވުމެވެ. އަމިއްލަ އާއިލާގެ މިފަދަ ލެޖެންޑެއްގެ ރޯލު ސްކްރީނުގައި ދައްކުވައިދިނުމަކީ އަކްޝޭގެ ކެރިއަރުގައި ވެސް ލިބޭނެ ވަރަށް ޚާއްޞަ ފުރުސަތަކަށް ވާނެކަން ޔަގީނެވެ.
ނަމަވެސް މި ފިލްމާ ގުޅޭގޮތުން ރަސްމީކޮށް ފިލްމުގެ ޓީމުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.






