logoEN
WAMCO TOP 1
30 މަސްދުވަހުން ނިންމައި ހަވާލުކުރާ ގޮތަށް ވެޓް މާކެޓް ސަރުކާރާއި ހަވާލުކުރަން ސިޓީ ކައުންސިލުން ފާސްކޮށްފި

30 މަސްދުވަހުން ނިންމައި ހަވާލުކުރާ ގޮތަށް ވެޓް މާކެޓް ސަރުކާރާއި ހަވާލުކުރަން ސިޓީ ކައުންސިލުން ފާސްކޮށްފި

އަހުމަދު ޝުރާއު

logo

8/10/2026, 7:46:20 AM

# މާލެ ސިޓީ ކައުންސިލް

-

މާލެ ސިޓީގެ ވެޓްމާކެޓް ޕްރޮޖެކްޓް ތަރައްގީކޮށް ނިންމުމަށްފަހު، އަލުން މާލެ ސިޓީ ކައުންސިލާ ހަވާލުކުރާ ގޮތަށް، އެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލުން ހާއްސަ ގަރާރެއް ފާސްކޮށްފިއެވެ.

THE TRAVELLER AD

މި މުހިންމު ގަރާރު ފާސްކޮށްފައިވަނީ ހޯމަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ ފުރަތަމަ ކުއްލި ޖަލްސާގައެވެ.

ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރު ޖަލްސާއަށް ހުށަހަޅުއްވައިދެއްވި މި ގަރާރު ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރުންގެ ތާއީދާއެކުގައެވެ. ނަމަވެސް ފަސް ކައުންސިލަރަކު ވަނީ މި ގަރާރާ ދެކޮޅަށް ވޯޓު ދެއްވާފައެވެ. އޭގެ ތެރޭގައި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު ރިޟްވާން އަލީ، ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ސަހުލާ، މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާން، މައްޗަންގޮޅި އުތުރު ދާއިރާގެ ކައުންސިލަރު ހަދީޖާ މުހައްމަދު އަދި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ހައްވާ ޝިފާނާ ހިމެނިވަޑައިގަންނަވައެވެ.

ފާސްކުރި ގަރާރުގައިވާ ގޮތުން، ޒަމާނީ ފެންވަރަށް ވެޓް މާކެޓް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މާލޭ މަސްމާރުކޭޓު ކުރިމަތީގައި މިހާރު ހުންނަ ލޯކަލް މާރުކޭޓު ސަރަހައްދުގައި އޮތް 17،558.54 އަކަ ފޫޓުގެ ބިމުގައެވެ.

މި މަސައްކަތް ހަވާލުކުރަނީ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައި އަލުން ކައުންސިލާ ހަވާލުކުރަން ޖެހޭ ގޮތަށެވެ.

މީގެ އިތުރުން، އިމާރާތުގެ ކުރެހުންތައް ކައުންސިލާ ހިއްސާކުރުމަށާއި، އެ ބިމުން އެއްވެސް ބައެއް ތިންވަނަ ފަރާތަކަށް ނުދިނުމަށް ވެސް ކައުންސިލުން ވަނީ ހަރުކަށި ޝަރުތުތަކެއް ކޮށްފައެވެ. އަދި މިހާރު އެ ސަރަހައްދުގައި ވިޔަފާރިކުރަމުންދާ ފަރާތްތަކަށް ވަގުތީ ގޮޅިތަކެއް ހަމަޖައްސައިދިނުމަށްފަހު ނޫނީ އަމަލީ މަސައްކަތް ނުފެށުމަށްވެސް މި ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

މި މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލޭގައި މިހާރު ހުރި މަސްމާރުކޭޓަކީ މަސް ވިއްކުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށާއި، އެތަނުގެ ސާފުތާހިރުކަމާއި ރައްކާތެރިކަމާ މެދުވެސް އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އެހެންކަމުން އައު މާރުކޭޓެއްގެ މަސައްކަތް ވީހާވެސް އަވަހަކަށް ފަށައި ނިންމުމަކީ މާލޭގެ ރައްޔިތުން އެދޭ އެންމެ ބޮޑު އެއް ކަންތައްކަމުގައި މޭޔަރު ފާހަގަކުރެއްވިއެވެ.

ވެޓް މާކެޓް މަޝްރޫއަކީ މީގެ ކުރިންވެސް ބައެއް މައްސަލަތައް ފެންމަތިވެފައިވާ މަޝްރޫއަކަށް ވާއިރު، މޭޔަރު ވަނީ އެ މަޝްރޫއު ވަކި މައްސަލައެއްގެ ގޮތުގައި ކައުންސިލުން އޮޑިޓްކޮށް، ފާހަގަވި ކަންތައްތަކާ ގުޅިގެން ޑިސެމްބަރު 2025 ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ފޮނުވާފައިވާނެކަން ހާމަކުރައްވާފައެވެ. އަދި ސަރުކާރުން ހިންގަން ބޭނުންވާ މިފަދަ ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން، މިކަމުގައިވެސް ކައުންސިލުން ނުދޭ އެއްބާރުލުމެއް ނޯންނާނެކަމުގެ ޔަގީންކަން މޭޔަރު ވަނީ ދެއްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC