
ވޯޓަރ ސްލައިޑަކާއި އިންފްލެޓަބަލް ވޯޓަރ ޕާކަކާއެކު ރަސްފަންނު ތަރައްޤީކުރަން ސިޓީ ކައުންސިލުން ތައްޔާރުވަނީ
# މާލެ ސިޓީ ކައުންސިލް-
މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އެ ސަރަހައްދުގައި ވޯޓަރ ސްލައިޑަކާއި އިންފްލެޓަބަލް ވޯޓަރ ޕާކެއް ގާއިމުކުރުމަށް މާލެ ސިޓީ ކައުންސިލުން ތައްޔާރުވާން ފަށައިފިއެވެ.

މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި މާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ އަދި މުނިފޫހިފިލުވޭނެ ފުރިހަމަ މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދަން ރާވާފައިވާ ބޮޑު މަޝްރޫއެކެވެ.
މި މަޝްރޫއު އިތުރަށް ދިރާސާކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލްގެ އާބަން ޕްލޭން ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ. މި މައްސަލަ ކޮމިޓީއަށް ފޮނުވަން ނިންމީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 11 ވަނަ ރަސްމީ އާންމު ޖަލްސާގައި މެންބަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރުމަށް ފަހުގައެވެ. ކައުންސިލަށް މި މުހިންމު ހުށަހެޅުން ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހީމް ލަބާން އެވެ.
މި ހުށަހެޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކައުންސިލަރު ލަބާން ވިދާޅުވީ، މާލެއަކީ ތޮއްޖެހިފައިވާ ސިޓީއަކަށް ވާއިރު، ރައްޔިތުންނަށް ހިތްހަމަޖައްސާލައިގެން ވަގުތު ހޭދަކޮށްލެވޭނެ އެކަށީގެންވާ ރަނގަޅު މާހައުލެއް ނެތްކަމުގެ ޝަކުވާއަކީ އަބަދުވެސް އޮންނަ ޝަކުވާއެއް ކަމަށެވެ. އެހެންކަމުން މި މަޝްރޫއުގެ ދަށުން ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގައި ޒަމާނީ ފެންވަރުގެ ވޯޓަރ ސްލައިޑަކާއި އިންފްލެޓަބަލް ވޯޓަރ ޕާކެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، އެ ސަރަހައްދަކީ ހުރިހާ ރައްޔިތުންނަށްވެސް ބޭނުންކުރެވޭނެ ތަނަކަށް ހެދުމަށްޓަކައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ފަސޭހައިން މޫދަށް އެރޭނެ ގޮތަށް ރޭމްޕްތައް ހެދުމަށާއި، ބީޗް ސަރަހައްދުގައި ކުޑަޔާއި ސަންބެޑް ބެހެއްޓުމަށްވެސް މި ޕްލޭންގައި ހިމަނާފައިވެއެވެ.
ލަބާން ފާހަގަކުރެއްވި ގޮތުގައި މިއީ ހަމައެކަނި އުމްރާނީ ވަސީލަތްތަކެއް ގާއިމުކުރުމެއް ނޫނެވެ. މިއީ މާލޭގެ ރައްޔިތުންނަށް ހައްގުވާ ފެންވަރު ރަނގަޅު، އުފާވެރި އަދި އެންމެން ޝާމިލްވާ (އިންކްލޫސިވް) މާހައުލެއް ހޯދައިދިނުމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މާލެ ސިޓީ ކައުންސިލްގެ އާބަން ޕްލޭން ކޮމިޓީން މި މަޝްރޫއު މިހާރު ދިރާސާކުރަމުންދާއިރު، ރަސްފަންނުގެ އިތުރުން ވިލިމާލޭގެ ބީޗް ސަރަހައްދާއި ހުޅުމާލޭގައި ވެސް ރައްޔިތުންނާއި އާއިލާތަކަށް އުފާކޮށްލުމަށް މިފަދަ ވަސީލަތްތައް ގާއިމުކުރުމުގެ ވިސްނުން ކައުންސިލުން ގެންގުޅޭކަން ވަނީ ފާހަގަކޮށްފައެވެ. މި މަޝްރޫއު ހަގީގަތަކަށް ވެއްޖެނަމަ، މިއީ މާލޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް އަންނާނެ ވަރަށް ބޮޑު އިންގިލާބީ ބަދަލަކަށް ވެގެންދާނެއެވެ.
ގުޅުންހުރި

ވޯޓަރ ސްލައިޑަކާއި އިންފްލެޓަބަލް ވޯޓަރ ޕާކަކާއެކު ރަސްފަންނު ތަރައްޤީކުރަން ސިޓީ ކައުންސިލުން ތައްޔާރުވަނީ
.webp&w=3840&q=75)
މަދިރި ކޮންޓްރޯލްކުރުމަށް މާލެ ސިޓީ ކައުންސިލުން ޖުލައި މަހު 1,600 އަށްވުރެ ގިނަ ތަން ބަލައި ފާސްކޮށްފި

ޖުލައި މަހު އެކަނިވެސް މާލޭގެ 18 ސަރަހައްދެއްގެ މަގު މަރާމާތުކޮށް، 33 ކާނުމަތި ބަދަލުކޮށްފި




