.webp&w=3840&q=75)
މަދިރި ކޮންޓްރޯލްކުރުމަށް މާލެ ސިޓީ ކައުންސިލުން ޖުލައި މަހު 1,600 އަށްވުރެ ގިނަ ތަން ބަލައި ފާސްކޮށްފި
# މާލެ ސިޓީ ކައުންސިލް-
މާލެ ސިޓީގައި މަދިރި އާލާވުން ކޮންޓްރޯލްކޮށް، މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން އާންމު ރައްޔިތުން ރައްކާތެރިކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގެ ތެރެއިން، ނިމިދިޔަ ޖުލައި މަހު އެކަނިވެސް 1,651 ގެއަކާއި އެކި ތަންތަން ބަލައި ފާސްކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ޕެސްޓް ކޮންޓްރޯލް ޔުނިޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި މަދިރި އުފެދޭ ގޮތަށް ހުރި 606 ތަނެއް ވަނީ ފާހަގަކުރެވިފައެވެ.
މީގެ ތެރެއިން 35 ތަނަކުން މަދިރި ފަނި ފެނިފައިވާއިރު، 27 ގެއަކުން ސީދާ މަދިރި އާލާވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. އަދި ބަލައި ފާސްކުރި ތަންތަނުގެ ތެރެއިން ސާފުތާހިރުކަމުގެ މައްސަލަތައް ހުރި 150 ގެއަކާއި ތަނެއް ފާހަގަކުރެވި، 283 ތަނެއް އިސްލާޙުކުރުމަށް ވަނީ އަންގާފައެވެ.
އަމަލީ ގޮތުން ފިޔަވަޅުެޅުމުގެ ތެރެއިން، މަދިރި އާލާވާ ގޮތަށް ހުރި 157 ތަނަކަށް ވަނީ މަދިރި ބޭސް އަޅާފައެވެ. މީގެ އިތުރުން މާލޭގެ 4 ބްލޮކެއްގެ ތަންތަން ފޮގްކޮށް، މާލޭގެ ބޮޑު 9 މަގެއްގައި ވަނީ ފޮގްކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންގޮސްފައެވެ. މިއީ ވިއްސާރަ ދުވަސްވަރު މާލޭގެ މަގުތަކާއި ގޯތިގެދޮރުގައި ފެންހަރުލައި މަދިރި އާލާވުމުގެ ފުރުސަތު ބޮޑުވާތީ، އެކަން ކޮންޓްރޯލްކުރުމަށް ސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށްދާ މަސައްކަތެކެވެ.
މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެއަކީ ތޮއްޖެހިފައިވާ ރަށަކަށްވުމާއެކު މަދިރި އާލާނުވާނެ ފަދަ ގޮތަކަށް މާލެ ސިޓީގެ ހުރިހާ ރައްޔިތުންވެސް އަމަލުތައް ބެހެއްޓުމަކީ އިންތިހާއަށް މުހިންމު ކަމެއް ކަމަށެވެ. އަދި މާލެ ސަރަހައްދުގައި މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ އާއި ނުރައްކާތެރި ބަލިތައް މަދުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން މެދުކެނޑުމެއް ނެތް އޮޕަރޭޝަންތައް ކުރިއަށްގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން މޭޔަރ ވަނީ ދެއްވާފައެވެ.
ގުޅުންހުރި

ވޯޓަރ ސްލައިޑަކާއި އިންފްލެޓަބަލް ވޯޓަރ ޕާކަކާއެކު ރަސްފަންނު ތަރައްޤީކުރަން ސިޓީ ކައުންސިލުން ތައްޔާރުވަނީ
.webp&w=3840&q=75)
މަދިރި ކޮންޓްރޯލްކުރުމަށް މާލެ ސިޓީ ކައުންސިލުން ޖުލައި މަހު 1,600 އަށްވުރެ ގިނަ ތަން ބަލައި ފާސްކޮށްފި

ޖުލައި މަހު އެކަނިވެސް މާލޭގެ 18 ސަރަހައްދެއްގެ މަގު މަރާމާތުކޮށް، 33 ކާނުމަތި ބަދަލުކޮށްފި




