
-
ނ. ކުޑަފަރީގެ ކުޑަކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމުގެ ގޮތުން އެ ރަށުގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު ކުޑަފަރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ތަރައްގީކޮށްފައިވާ މި ޕާކު ހުޅުވައިދެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އާފީފް ހުސައިންއެވެ.
ކުޑަފަރީގައި މި ހުޅުވުނު ޕާކަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންގެ ޕާކުތައް ތަރައްގީކުރުމަށް ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫއުގެ ދަށުން ނިމިގެންދިޔަ މަސައްކަތެކެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖޭގެ 46 ރަށެއްގައި ޕާކުތައް ތަރައްގީކުރުމުގެ މަސައްކަތް ވަނީ ސަރުކާރު ހިއްސާވާ 5 ކުންފުންޏަކާ ހަވާލުކޮށްފައެވެ. އެ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަން، އެމްޓީސީސީ، އާރްޑީސީ، އެސްޓީއޯ އަދި އެޗްޑީސީއެވެ.
މި 46 ރަށުގެ ޕާކުތައް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބެޗްގައި 14 ރަށެއްގެ ޕާކު ހިމެނޭއިރު، ދެވަނަ ބެޗްގައި 32 ރަށެއްގެ ޕާކު ތަރައްގީކުރުމުގެ މަސައްކަތް ހިމެނެއެވެ.






