
އަމާން ހިޔާގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް: މިމަހުގެ ނިޔަލަށް މަސައްކަތް ނިންމާލަން މަސައްކަތްކުރަނީ !
# ވިލިމާލެ ހޮސްޕިޓަލްއަމާން ހިޔާ - ފޮޓޯ | ޕީއެސްއެމް
ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލް ތަޅާލައި، އެތަނުގައި ޒަމާނީ އައު ހޮސްޕިޓަލެއް އެޅުމަށްޓަކައި، ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީގޮތުން އަމާން ހިޔާ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށްޓަކައި އަމާން ހިޔާ މަރާމާތުކޮށް ހޮސްޕިޓަލެއްގެ ސިފައަށް ގެނައުމުގެ މަސައްކަތް ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ، އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ޕާޓިޝަން ޖެހުމާއި ވޯޑްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް މިހާރު ހިނގަމުންދާ ކަމަށެވެ.
އަދި އަމާން ހިޔާގެ މަރާމާތުގެ ހުރިހާ މަސައްކަތެއް މިމަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް އަމާޒު ހިފާފައިވާކަމަށްވެސް ނަޒީމް ވިދާޅުވިއެވެ.
ވިލިމާލޭގައި މިހާރު ޚިދުމަތްދޭ ހޮސްޕިޓަލުގެ އިމާރާތް ތަޅާލުމަށްފަހު، އެ ބިމުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ 100 އެނދުގެ ޖާގައިގެ ޒަމާނީ އައު ހޮސްޕިޓަލެކެވެ. މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ. މި ހޮސްޕިޓަލުގެ އިމާރާތްކުރުމާއި، އެތަނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރާނީ ސީދާ ޗައިނާ ސަރުކާރުންނެވެ.
އާބާދީގައި 15,000 އެއްހާ މީހުން ދިރިއުޅޭ ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލަކީ އެ އާބާދީއާ އެކަށީގެންވާ ވަސީލަތްތަކެއް ހުރި ތަނެއް ނޫނެވެ. ބަލި މީހުން ބެލުމަށް އެންމެ 3 ކޮޓަރި ހުންނައިރު، އިމަޖެންސީ ފަރުވާއަށް ބޭނުންކުރަނީ އެންމެ 5 އެނދެވެ. އެހެންކަމުން އާންމު ސިއްހީ ކަންކަމުގައިވެސް ގިނަ ފަހަރު އައިޖީއެމްއެޗަށް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް ދާންޖެހުމަކީ ވިލިމާލޭގެ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ތަކުލީފެކެވެ. އައު ހޮސްޕިޓަލާއެކު މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
ގުޅުންހުރި

އަމާން ހިޔާގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް: މިމަހުގެ ނިޔަލަށް މަސައްކަތް ނިންމާލަން މަސައްކަތްކުރަނީ !
މަދިރި ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގެ 308 ތަނެއް ބަލައިފި

މެދުކެނޑުމަށްފަހު، ވިލިމާލެ ހޮސްޕިޓަލުގައި ވެކްސިން ދޭން ފަށައިފި




