
Covid Vaccine
ވިލިމާލެ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ކުޑަކުދިންނަށް ދިން މައްސަލައިގައި އިހުމާލުވި މުވައްޒަފުން ސަސްޕެންޑްކޮށްފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ މައްސަލައިގައި ޝާމިލުވާ މުވައްޒަފުން މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަސްޕެންޑް ކުރީ ކިތައް މުވައްޒަފުން ކަމެއް އަދި ސަސްޕެންޑް ކުރި މުއްދަތު މީޑިއާ އޮފިޝަލް ހާމައެއް ނުކުރެއެވެ.
ވިލިމާލޭ ހޮސްޕިޓަލުން ކުޑަކުދިންނަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލައިގައި ވިލިމާލެ ދާއިރާގެ މެންބަރު އަޙުމަދު އުޝާމް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އުޝާމް ވިދާޅުވީ، އެއީ ސީރިއަސް މައްސަލައެއް ކަމަށާއި އެކަން ހިނގާފައިވާ ގޮތް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
އެ މައްސަލަ ފެންމަތިވުމާ ގުޅިގެން އެ ހޮސްޕިޓަލުގައި ވެކްސިން ދިނުންވެސް ވަނީ މެދުކަނޑާލާފައެވެ. އަދި އެ ހޮސްޕިޓަލްގެ ބެލެނިވެރި ފަރާތް ކަމުގައިވާ އައިޖީއެމްއެޗް އިން މައްސަލަ ބަލަން ފެށީ އިއްޔެ އެވެ.
އެ ކުދިންނަށް ދީފައި ވަނީ ކޮން ކަހަލަ ވެކްސިނެއްކަން ސާފުވެފައި ނުވާއިރު، މެމްބަރު އުޝާމް ހިއްސާ ކޮށްފައިވާ ފޮޓޯއިން ފެނިގެން ދަނީ މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު މުއްދަތު ހަމަވެފައިވާ ވެކްސިނެކެވެ. އަދި އެ އުފެއްދި ތާރީހެއްގެ ގޮތުގައި ލިޔެފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހެވެ.