މަދިރި ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގެ 308 ތަނެއް ބަލައިފި
# ހުޅުމާލެ ހޮސްޕިޓަލް# އެޗްޑީސީ# އެޗްޕީއޭ# މަދިރި ކޮންޓްރޯލް# ވިލިމާލެ ހޮސްޕިޓަލް# ދިވެހި ރެޑްކްރެސެންޓްމަދިރި އާލާވާ ތަންތަން ނައްތާލުމަށް އެޗްޕީއޭއިން ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން- ފޮޓޯ: ރެޑް ކްރެސެންޓާ
މަދިރި ކޮންޓްރޯލް ކުރުމާއި މަދިރި ނައްތާލުމަށް ކުރާ މަސައްކަތުގެ ދަށުން މާލެ ސަރަހައްދުގެ 308 ތަނެއް ބަލައި ފާސްކޮށްފި އެވެ.

އެޗްޕީއޭގެ އިސްނެގުމުގެ ދަށުން ހާއްސަ ޖޮއިންޓް އިންސްޕެކްޝަންގެ ދަށުން، މި ހަރަކާތް މި މަހުގެ 19 އިން ފެށިގެން 23 އާ ހަމައަށް ކުރިއަށް ގެންގޮސްފައިވާއިރު، މި ހަރަކާތުގައި މާލެ ސިޓީ ކައުންސިލާއި، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި، މޯލްޑީވްސް ރެޑް ކްރެސެންޓާއި، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުންވެސް ވަނީ ބައިވެރިވެފަ އެވެ.
އެޗްޕީއޭއިން ބުނީ މި އިންސްޕެކްޝަންގައި އިމާރާތްކުރަމުންދާ ސައިޓްތަކާއި، މީހުން ދިރިއުޅޭ އިމާރާތްތަކުގެ އިތުރުން ބޭނުންނުކުރާ ހުސްޖާގަތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 308 ތަނެއް އިންސްޕެކްކޮށްފައިވާއިރު، މާލެއިން 153 ތަނެކާއި، ހުޅުމާލެއިން 83 ތަނެއް އަދި ވިލިމާލެ އިން 59 ތަނެއް ވަނީ އިންސްޕެކްކޮށްފަ އެވެ. އަދި މީގެއިތުރުން ތިލަފުށިން 12 ތަނެކާއި ގުޅީފަޅުން އެއް ތަނެއް ބަލައި އިންސްޕެކްކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މި އިންސްޕެކްޝަންގެ ކުރިއަށްގެންދިޔަ ކަންކަމުންގެ މައުލޫމާތު ހިއްސާކުރަމުން އެޗްޕީއޭއިން ބުނީ މަދިރި އުފެދި އާލާވާނެ ކަމަށް ބެލެވޭ ގިނަ ތަންތަން ބަލައި، އެފަދަ ތަންތަން ނައްތާލެވިފައިވާ ކަމަށެވެ. އަދި އެންމެ ގިނައިން މަދިރި އާލާވާކަން ފާހަގަކުރެވުނީ ފެން އަޅާފަ ހުންނަ އެކި ކަހަލަ ތަކެއްޗާއި ފީފާ އާއި ތާނގީގެ އިތުރުން އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނާއި ޓަޔަރާއި ޕްލާސްޓިކް ފުޅި ތަކެތި ކަމަށް އެޗްޕީއޭއިން ފާހަގަކުރި އެވެ.
މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެޗްޕީއޭއިން ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން- ފޮޓޯ: ރެޑް ކްރެސިޑެންޓް
މީގެއިތުރުން އެޗްޕީއޭއިން ބުނީ އިންސްޕެކްޝަންތަކުގެ މައިގަނޑު މަގްސަދަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށްޓަކައި މަދިރި އާލާވާ ތަންތަން ދެނެގަނެ، އެތަންތަން ނައްތާލުމާއި، އާންމުން ދިރިއުޅޭ މާހައުލަކީ ސަލާމަތްތެރި ތަނަކަށް ހެދުން ކަމަށެވެ. އަދި މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ އިތުރުން ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިންސްޕެކްޝަންތައް ކުރިއަށް ގެންދިއުން ނިންމާފައިވާކަމަށް އެޗްޕީއޭއިން ބުންޏެވެ.އެޗްޕީއޭއިން ވަނީ ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލައި ވަށައިގެންވާ މާހައުލު ސާފުތާހިރުކޮށް ބަލަހައްޓައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ގުޅުންހުރި
މަދިރި ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގެ 308 ތަނެއް ބަލައިފި
ހުޅުމާލޭގައި ގާއިމްކޮށްފައިވާ ވަގުތީ މަސް މާރުކޭޓު ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފި

އެޗްޑީސީގެ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި




