
--
އިނގިރޭސި ޝާހީ އާއިލާއާ ދުރަށް ގޮސް އެމެރިކާގައި ދިރިއުޅެމުން އަންނަ ޕްރިންސް ހެރީގެ އަންހެނުން މޭގަން މާކަލް، އޭނާގެ އަންހެން ދަރިފުޅު ލިލިބެޓްގެ ފަރާތުން ލިބޭ ހިތްވަރާ ގުޅޭގޮތުން ޝައުގުވެރި ވާހަކަތަކެއް ހިއްސާކޮށްފިއެވެ.

ދާދި ފަހުން ބޭއްވި ހަރަކާތެއްގެ ތެރެއިން ވާހަކަދައްކަމުން މޭގަން ބުނީ، ދަރިފުޅު ލިލިބެޓް ބޮޑުވަމުން އަންނަތަން ފެނުމަކީ އޭނާއަށް ކެރިގެން ކަންކަމާ ކުރިމަތިލުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
އަދި އަންހެން ކުއްޖެއްގެ މަންމައަކަށް ވުމާއެކު، ދަރިފުޅަށް ރަނގަޅު ނަމޫނާއެއް ދެއްކުމަށްޓަކައި އަޑުއުފުލަންޖެހޭ ކަންކަމުގައި ފަސްނުޖެހި ވާހަކަދެއްކުމުގެ މުހިންމުކަން އޭނާއަށް ވަރަށް ބޮޑަށް އިހުސާސްކުރެވޭކަމަށް މޭގަން ފާހަގަކުރިއެވެ.
އަންހެނުންގެ ހައްގުތަކާއި ކުޑަކުދިންގެ ކުރިއެރުމަށް އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މޭގަން ވަނީ، އަންނަން އޮތް ޖީލުގެ އަންހެން ކުދިންނަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ ބަޔަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލާފައެވެ.
ޕްރިންސް ހެރީ އާއި މޭގަންގެ ދެމަފިރިންނަށް ދެ ކުދިން ލިބިފައިވާއިރު، އެއީ އާޗީ އާއި ލިލިބެޓް އެވެ. މި އާއިލާ މިހާރު ދިރިއުޅެމުން އަންނަނީ އެމެރިކާގެ ކެލިފޯނިއާގައެވެ.






