
ޕްރިންސެސް އޮފް ވޭލްސް
ޕްރިންސެސް އޮފް ވޭލްސް ކެތަރިން ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާކަން އިއުލާނުކޮށްފި އެވެ.

މިކަން ހާމަކުރެވީ މީގެ އިރުކޮޅެއް ކުރިން އިނގިރޭސިވިލާތުގެ ޝާހީ ގެކޮޅުން ނެރުނު ވީޑިއޯ ސްޓޭޓްމެންޓެއްގައި ޕްރިންސެސް އޮފް ވޭލްސް ކެތަރިން އަމިއްލަ ފުޅަށެވެ. ކެތަރިން އަކީ ރަސްގެފާނު ޗާލްސްގެ ދަރިކަލުން ޕްރިންސް ވިލިއަމްގެ އަނބިކަނބަލުންނެވެ.
އެގޮތުން ކެތަރިން ވިދާޅުވީ ދާދި ފަހުން ހެދި ޓެސްޓުތަކުން ކެންސަރު ޖެހިވަޑައިގެންފައިވާކަން ހާމަވެފައިވާކަމަށާއި ފަރުވާގެ ފުރަތަމަ މަރުހަލާ މިހާރު ފުރިހަމަ ކުރައްވަމުން އަންނަ ކަމަށެވެ.
ވީޑިއޯ ސްޓޭޓްމަންޓެއްގައި ކެތަރިން ބުނީ މިއީ ވަރަށް އުނދަގޫ ދުވަސްތަކެއްގައި ލިބުނު ވަރަށް ބޮޑު ޝޮކެއް ކަމަށެވެ. ނަމަވެސް އެކަމަނާ ވަނީ ހިތްވަރު ދޫކޮށްނުލާ ކެރިގެން ބައްޔާރި ހަނގުރާމަ ކުރަމުން އަންނަކަން ހާމަުރައްވާފައި އެވެ.
ސްޓޭޓްމެންޓުގައި ކެތަރިން ވަނީ މިދިޔަ ޖެނުއަރީ މަހު ބަނޑުގެ މުހިންމު ސާޖަރީއެއް ކުރިކަންވެސް ހާމަކުރައްވާފައި އެވެ. އަދި ކެންސަރު ޖެހިފައިވާކަން ހާމަވެގެން ގޮސްފައިވަނީ އެސާޖަރީއަށްފަހު ހެދި ޓެސްޓުތަކުން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. މިއާއި އެކު އެކަމަނާގެ މެޑިކަލް ޓީމުގެ އިރުޝާދުގެ ދަށުން މިހާރު ކީމޯތެރަޕީ ނަންގަވަމުން އަންނަކަންވެސް ކެތަރިން ހާމަކުރެއްވި އެވެ.
ކެތަރިންއަށް ކެންސަރު ޖެހިފައިވާކަން ރަސްމީކޮށް ހާމަކުރި އިރު ދާދި ފަހުން ރަސްގެފާނު ޗާލްސްވެސް ކެންސަރު ބަެއްޔާއި ހަނގުރާމަކުރަމުންދާކަން ޝާހީ ގެކޮޅުން ވަނީ ހާމަކުރައްވާފައި އެވެ.




