logoEN
WAMCO TOP 1
ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗަށް ކުދިން ހޮވުމުގެ އިމްތިހާނުތަކާއި މަރުހަލާތައް ފަށައިފި

ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗަށް ކުދިން ހޮވުމުގެ އިމްތިހާނުތަކާއި މަރުހަލާތައް ފަށައިފި

އަހުމަދު ޝުރާއު

logo

8/9/2026, 9:11:34 AM

# ވަތަނީ ހިދުމަތް

ވަތަނީ ހިދުމަތުގެ އިންޓަވިއުތައް ފެށިގެން ކުރިޔަށްދަނީ - ފޮޓޯ | ޕީއެސްއެމް

އިސްލާމްދީނަށް ލޯބިކުރާ، އަޚުލާގު ރަނގަޅު އަދި ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ކުރިއަށްގެންދާ "ވަޠަނީ ޚިދުމަތް" ޕްރޮގްރާމުގެ އަސާސީ ތަމްރީނުގެ 4 ވަނަ ބެޗަށް ކުދިން ހޮވުމުގެ މަރުހަލާ ނުވަތަ ސެލެކްޝަން ޕްރޮސެސް ރަސްމީކޮށް ފަށައިފިއެވެ.

THE TRAVELLER AD

މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މި މަރުހަލާގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ލެފްޓިނެންޓް ކާނަލް އިބްރާހިމް ހަލީމް ވިދާޅުވީ، 4 ވަނަ ބެޗުގެ ސެލެކްޝަން ޕްރޮސެސްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ 3 ވަނަ ބެޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޖާގަ ނުލިބި ތިބި ކުދިންނަށް ކަމަށެވެ.

އަދި މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ވަރަށް ފުޅާކޮށް ކުރިއަށްދާ މި ޕްރޮސެސްގެ ތެރެއިން އެޕްޓިޓިއުޓް ޓެސްޓު، އިންޓަވިއު، ފިޒިކަލް ޓެސްޓު، ސްވިމިންގ ޓެސްޓު އަދި ހެލްތް ސްކްރީނިންގ ކުރިއަށްދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ސެލެކްޝަން ޕްރޮސެސް ރާއްޖޭގެ 13 ސަރަހައްދެއްގައި ކުރިއަށްދާއިރު، އެމްއެންޑީއެފްގެ 6 ޓީމަކުން އަންނަނީ އެ ސަރަހައްދުތަކުގައި އަމަލީގޮތުން ހަރަކާތްތެރިވަމުންނެވެ.

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ޒުވާނުންގެ އަޚުލާގާއި ސުލޫކު އަށަގެންނެވުމުގެ އިތުރުން، އަމަލީ ގޮތުން ބޭނުންތެރި އެކި ދާއިރާތަކުން ތަމްރީނު ދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. އެގޮތުން ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސް އަދި މިލިޓަރީ ތަމްރީނުތައް މީގެ ތެރޭގައި ހިމެނެއެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓާއި، ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް ސެޓިފިކެޓް 3، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ އަދި ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓްގެ އިތުރުން ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ލިބިގެންދާނެއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ދެ ބެޗުގެ އަސާސީ ތަމްރީނުތައް މިހާރު ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، 3 ވަނަ ބެޗުގެ ތަމްރީނުތައް މިހާރުވެސް ދަނީ ކުރިއަށެވެ.

3 ވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން ޖުމްލަ 352 ކެޑޭޓުން ބައިވެރިވެއެވެ. އޭގެ ތެރޭގައި 288 ފިރިހެން ކެޑޭޓުންނާއި 64 އަންހެން ކެޑޭޓުން ހިމެނެއެވެ. މިއީ ރާއްޖޭގެ ގައުމީ ދިފާއީ ބާރާއި ސަރުކާރު މުއައްސަސާތައް ގުޅިގެން ޒުވާނުން ބައްޓަންކުރުމަށް ހިންގާ އެންމެ މުހިންމު އެއް ގައުމީ މަޝްރޫއެވެ.

ކޮމެންޓް
ފަހުގެ
HDC