
-
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް ސިޔާސީކުރާ ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ އަމިއްލަ ވަކީލު ޓޮޑް ބްލާންޗް އެމެރިކާގެ އެޓާނީ ޖެނެރަލްގެ މަޤާމަށް ސެނެޓުން ކަށަވަރުކޮށްދީފިއެވެ.

ރިޕަބްލިކަން މެންބަރުންގެ ކުޑަ އަޣުލަބިއްޔަތެއް އޮތް ސެނެޓުން ބްލާންޗްގެ އައްޔަންކުރުން ފާސްކުރީ ހުކުރު ދުވަހުގެ ރޭ ދެކެވުނު ވާހަކަތަކަށްފަހު، ހޮނިހިރު ދުވަހުގެ ހެނދުނު ނެގި ވޯޓުގައި 50 ވޯޓު 49 ވޯޓުންނެވެ.
މި ވޯޓު ނެގިގެންދިޔައީ ޖަސްޓިސް ޑިޕާޓްމަންޓްގެ އެންމެ އިސް މަޤާމަށް ޓްރަމްޕްގެ އަރިސް ބޭފުޅަކު އައްޔަންކުރުމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދި، ހޫނު ބަޙުސްތަކެއް ހިނގުމަށްފަހުގައެވެ.
ތާރީޚީ ގޮތުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓަކީ ވައިޓް ހައުސްގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުއައްސަސާއެކެވެ.
ބްލާންޗް ވަނީ ސަރުކާރުގެ މަޤާމާ ހަވާލުވުމުގެ ކުރިން، ޓްރަމްޕްގެ މައްޗަށް ހިންގުނު ޖިނާއީ އެކި ޝަރީޢަތްތަކުގައި އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ޓްރަމްޕް ބޭނުންފުޅުވަނީ ޤާނޫނު ތަންފީޒުކުރާ މުއައްސަސާތައް ބޭނުންކޮށްގެން އެމަނިކުފާނުގެ ސިޔާސީ ވާދަވެރިންގެ މައްސަލަތައް ތަޙުޤީޤުކުރުމަށެވެ.
މިދިޔަ އޭޕްރީލް މަހު ރައީސް ޓްރަމްޕް، އެގައުމުގެ ކުރީގެ އެޓާނީ ޖެނެރަލް ޕޭމް ބޮންޑީ މަޤާމުން ވަކިކުރެއްވުމާ ގުޅިގެން ބްލާންޗް އައީ އެޓާނީ ޖެނެރަލްކަމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން އުފުއްލަވަމުންނެވެ. މި މަޤާމު ސެނެޓުން ކަށަވަރުވުމާއެކު، ޓްރަމްޕް ސަރުކާރުގެ އެޖެންޑާތައް އިތުރަށް ބާރަކާއެކު ތަންފީޒުކުރުމުގެ ފުރުޞަތު އޭނާއަށް ލިބިގެންދާނެއެވެ.
ރިޕަބްލިކަން ސެނެޓަރުންވެސް ވަނީ ޖެފްރީ އެޕްސްޓީންއާ ގުޅޭ ލިޔެކިޔުންތައް އާންމުކުރުމުގައި ބްލާންޗް އަމަލުކުރެއްވި ގޮތާއި، ޓްރަމްޕްގެ 1.8 ބިލިއަން ޑޮލަރުގެ "އެންޓި-ވެޕަނައިޒޭޝަން" ފަންޑު އުފެއްދުމާއި، ރައީސް އާއި އެމަނިކުފާނުގެ ދަރިކަލުންނަށް ޓެކްސް އިސްތިސްނާ ދިނުމުގެ އެއްބަސްވުމުގައި އޭނާ އަދާކުރެއްވި ދައުރާ މެދު ކަންބޮޑުވުން އުފައްދާފައެވެ.
ގުޅުންހުރި

އެމެރިކާގެ އެޓާނީ ޖެނެރަލްކަމަށް ޓްރަމްޕްގެ ކުރީގެ ވަކީލު ޓޮޑް ބްލާންޗް!

ޤަޠަރުން ޓްރަމްޕަށް ހަދިޔާކުރި ބޮއިންގ 747-8 ޖެޓު "އެއާ ފޯސް ވަން" އަށް!

އެމެރިކާގެ ބީ-52 މަރުކާގެ އަސްކަރީ ބޯޓެއް ވެއްޓި، އޭގެއިން ދަތުރުކުރި 8 މީހުން މަރުވެއްޖެ




