.jpeg&w=3840&q=75)
-
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ހޮރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ޢިރާޤުން ބޭރުކުރާ ތެލުގެ މިންވަރު %75 އަށް ދަށްވެފައިވާ ކަމަށް އެޤައުމުގެ ތެލާއިބެހޭ މިނިސްޓަރު ބާސިމް މުޙައްމަދު ޚުދައިރު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޚުދައިރު ވިދާޅުވީ، ހަނގުރާމައިގެ ކުރިން ޢިރާޤުން ދުވާލަކު 3.4 މިލިއަން ބަރެލްގެ ތެޔޮ އެކްސްޕޯޓްކުރި ކަމަށެވެ. ނަމަވެސް، މިހާރު ދިމާވެފައިވާ މަޝްރަހުގެ ސަބަބުން ތެޔޮ އެކްސްޕޯޓްކުރުމަށްޓަކައި ހޮރްމުޒް ކަނޑުއޮޅީގެ އިތުރުން އެހެން މަގުތައް ހޯދައި، އެކަން ކުރެވޭނެ ގޮތް ހޯދުން މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު ޢިރާޤުން ދުވާލަކު އުފައްދަނީ 2.7 މިލިއަން ބަރެލްގެ ތެލެވެ. އަދި އޭގެ ތެރެއިން އެކްސްޕޯޓް ކުރެވެނީ ދުވާލަކު 1.5 މިލިއަނާއި 1.7 މިލިއަނާ ދެމެދުގެ މިންވަރެކެވެ.
ހޮރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ޢިރާޤުގެ ތެޔޮ ބޭރުކުރުމުގެ ހުއްދަ ހޯދުމަށް އީރާނާއެކު މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، އެ މަޝްވަރާތަކުން އަދި ޢަމަލީ ސިފައެއްގައި އެދެވޭ ނަތީޖާއެއް ލިބިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ޢިރާޤުގައި ހަރަކާތްތެރިވާ ތެޔޮ ކުންފުނިތަކަށް ދެވޭ އެއްވެސް ޙަމަލާއެއް ބަލައިނުގަންނާނެ ކަމަށާއި، އެފަދަ ޙަމަލާއެއްގެ ސަބަބުން ކުންފުންޏަކަށް ގެއްލުމެއް ލިބިއްޖެނަމަ ބަދަލު ދިނުމަށް އެއްބަސްވެވިފައިވާ ކަމަށްވެސް ޢިރާޤުގެ އޮއިލް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.






