.jpeg&w=3840&q=75)
--
ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ނެޓްފްލިކްސްގެ ރޮމޭންޓިކް ޑްރާމާ ސީރީޒް "މުސާފިރު ކެފޭ" ގެ ދެވަނަ ސީޒަނެއް ނެރެން ހަމަޖެހިފައިވާކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

ސޯޝަލް މީޑިއާގައި އާންމުކުރި ޚާއްޞަ ވީޑިއޯއަކާއެކު، ފުރަތަމަ ސީޒަންގެ ލީޑު ތަރިން ކަމަށްވާ ވިކްރާންތް މަސޭ، ވޭދިކާ ޕިންޓޯ އަދި މަހިމާ މަކްވާނާ މި ސީޒަނުންވެސް ފެނިގެންދާނެކަން ވަނީ ކަށަވަރުކޮށްދީފައެވެ.
ފުރަތަމަ ސީޒަން ނިމިގެންދިޔައީ ބެލުންތެރިންގެ ހިތްތަކުގައި ގިނަ ސުވާލުތަކެއް އުފައްދަމުންނެވެ. އެހެންކަމުން، ދެވަނަ ސީޒަނުގައި ޗަންދަރު، ސުދާ އަދި ޕްރީތީގެ މެދުގައިވާ ލޯތްބާއި، އޮޅުންބޮޅުން ބޮޑު ގުޅުންތަކުގެ އިތުރުން ފުރަތަމަ ސީޒަން ނިމުނު ހިސާބުން ފެށިގެން ކުރިއަށްދާނެ ގޮތްތައް ފެނިގެންދާނެއެވެ.
ނެޓްފްލިކްސް އިންޑިއާގެ ސީރީޒް ހެޑް، ތާނިޔާ ބާމީ ބުނިގޮތުގައި، މި ސީރީޒްގެ ނިމުމާ ގުޅޭގޮތުން މުޅި އިންޓަނެޓުގައި ބެލުންތެރިން ބޮޑު ބަހުސެއް ކޮށްފައިވާއިރު، ކުރިއަށް އޮތް ސީޒަން ވެގެންދާނީ އެ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ލިބިގެންދާނެ ސީޒަނަކަށެވެ.
މި ސީރީޒްއަކީ ދިވްޔާ ޕްރަކާޝް ދޫބޭގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް، ޝަރަންޔާ ރާޖްގޯޕާލް ލިޔެ، ރުޗިރް އަރުން ޑައިރެކްޓްކޮށްފައިވާ އުފެއްދުމެކެވެ.
ލޯތްބާއި ދިރިއުޅުމުގެ ހަގީގަތްތައް ވަރަށް ފުރިހަމައަށް ދައްކުވައިދޭ މި ސީރީޒްގެ އައު ސީޒަން ރިލީޒްކުރާނެ ވަކި ތާރީޚެއް ނެޓްފްލިކްސްއިން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ޚަބަރާއެކު ސަޕޯޓަރުންގެ މެދުގައި ސީރީޒްއަށް އޮތް އިންތިޒާރު ވަނީ އިތުރުވެގެން ގޮސްފައެވެ.






