
އިތުރު ހައުސިންގ ޔުނިޓްތަކެއް ގާއިމުކޮށްދިނުމަށް އުކުޅަހުން ރައީސް އަށް ދަންނަވައިފި
# ރައީސް މުއިއްޒު# އއ އުކުޅަސްފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ އުކުޅަސް ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ ) ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް އިތުރު ހައުސިންގ ޔުނިޓްތަކެއް ގާއިމުކުރުމަށާއި ރަށުގެ ހިއްކި ބިމާ ގުޅުވައި އިތުރު ބައެއް ހިއްކުމަށާއި މިހާރު ހިއްކާ ނިމިފައިވާ ސަރަހައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން މަގުހަދައިދިނުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. އަދި، ރަށުގެ އިންޖީނުގެ ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ބިމެއް ހަމަޖެއްސުމުގައި ހުރި ދަތިކަން، މި ބައްދަލުކުރުމުގައި ކައުންސިލަރުން ހިއްސާކުރެއްވިއެވެ.
މީގެ އިތުރުން ރަށުގެ ކުނި ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯއާ ޙަވާޅުކުރުމަށާއި އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށްވެސް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
ގުޅުންހުރި

އުކުޅަހުގައި ތަރައްގީކުރި ވޮލީ ކޯޓް، ރައީސުލްޖުމުހޫރިއްޔާ ހުޅުވައިދެއްވައިފި

އިތުރު ހައުސިންގ ޔުނިޓްތަކެއް ގާއިމުކޮށްދިނުމަށް އުކުޅަހުން ރައީސް އަށް ދަންނަވައިފި

ރައީސް އުކުޅަހަށް؛ އެ ރަށު ބަނދަރުމަތިން ހޫނު މަރުހަބާއެއް!




