
ރައީސް އުކުޅަހަށް؛ އެ ރަށު ބަނދަރުމަތިން ހޫނު މަރުހަބާއެއް!
# ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު# އއ އުކުޅަސްރައީސް އުކުޅަހަށް؛ އެ ރަށު ބަނދަރުމަތިން ހޫނު މަރުހަބާއެއް ---
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު އއ. އަތޮޅު އުކުޅަހަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ރަށަށް ވަޑައިގަތުމުން ބަނދަރު ސަރަހައްދުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
އުކުޅަހުގެ ކުދިބޮޑު ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. ރަށުގެ ބަނދަރު ސަރަހައްދުގައި، އެމަނިކުފާނުގެ އިސްތިގުބާލުގައި ތިބި ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވައި ސަލާންގަލާންކުރައްވާފައެވެ.
ރައީސް އެ ރަށަށް ވަޑައިގެންނެވީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އެންމެ މަތީ އޮޑިޓް އިދާރާތަކަށް ޚާއްޞަކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރައީސް އުކުޅަހަށް؛ އެ ރަށު ބަނދަރުމަތިން ހޫނު މަރުހަބާއެއް!
އޮޑިޓަރ ޖެނެރަލްގެ އޮފީހާއި އދ.ގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންތައްތަކާ ބެހޭ ޖަމިއްޔާ ގުޅިގެން އިންތިޒާމުކުރާ މި ބައްދަލުވުން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.
"ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމް"ގެ ނަމުގައި ކުރިއަށްދާ މި މަހާސިންތާ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީއެވެ. މި މަހުގެ 3 އިން 5 އަށް ބާއްވާ މި ބައްދަލުވުމުގައި ދުނިޔޭގެ 26 ޤައުމަކުން 46 މަންދޫބުން ބައިވެރިވެވަޑައިގަންނަވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެއްވައެވެ.
މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ އޮޑިޓްކުރުމުގައި ގެންގުޅޭ އުސޫލުތައް ޙިއްޞާކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރެވޭ މިންވަރު ބެލުމުގައި އޮޑިޓް އިދާރާތަކުގެ ފަންނީ ޤާބިލުކަން އިތުރުކުރުމެވެ. މީގެ އިތުރުން، ޖަވާބުދާރީވުން ހަރުދަނާކޮށް، ތަރައްޤީގެ ލަނޑުދަނޑިތަކަށް ބާރުއެޅުމަށް ކުރެވިދާނެ ކަންކަމާ މެދު ބައިވެރިން މަޝްވަރާކުރާނެއެވެ. މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި އޮޑިޓަރ ޖެނެރަލް ވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް އިދާރާތަކަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް މިފަދަ ބައްދަލުވުންތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގެ ތެރެއިން ތަފާތު ދާއިރާތަކުން ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެއެވެ. އެގޮތުން ފުރަތަމަ ދުވަހު އޮޑިޓް އޮފީސްތަކުގެ ދައުރާއި، ބަޖެޓުކުރުމާއި މާލީ ކަންކަމާ ގުޅޭ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނަ ދުވަހު މޫސުމީ ބަދަލުތަކާ ގުޅޭ މަސައްކަތްތަކުގައި އޮޑިޓް އިދާރާތަކުގެ ދައުރާއި، މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.
މި މަހާސިންތާ ނިމުމުން، މި މަހުގެ 6 އިން 7 އަށް "އައިޑީއައި ގްލޯބަލް ސަމިޓް" އުކުޅަހުގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. މިއީ އިންޓޯސައި އާއި އޮޑިޓަރ ޖެނެރަލް އޮފީސް ގުޅިގެން ބާއްވާ ބައިނަލްއަޤްވާމީ ސަމިޓެކެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދެކޭގޮތުގައި މިފަދަ ބޮޑެތި ބައްދަލުވުންތައް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބޭއްވުމަކީ ރަށްފުށުގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.
އުކުޅަހަކީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އާދަޔާ ޚިލާފު ނަތީޖާއެއް ނެރެ، ސަރުކާރަށް އޮތް ތާއީދު ހާމަކޮށްދިން ރަށެކެވެ. ރާއްޖެއަށް ސިޔާސީ ޕާޓީގެ ނިޒާމް ތައާރަފްވި ފަހުން، އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ އުކުޅަހު ކައުންސިލްގެ ގޮނޑިތައް އެ ޕާޓީއަށް ވަނީ މިފަހަރު ގެއްލިފައެވެ.
މި އިންތިޚާބުގައި އުކުޅަހު ކައުންސިލްގެ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޕީއެންސީންނެވެ. މިއީ އެ ރަށުގެ ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ސަރުކާރުން އަންނަނީ އުކުޅަހުގެ ތަރައްޤީއަށްޓަކައި ގިނަ މަޝްރޫއުތަކެއް ވެސް ހިންގަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ކުރައްވާ މި ދަތުރުފުޅުގައި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދަވާ ބައެއް މަޝްރޫޢުތަކާގުޅޭ ހަފުލާތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

އުކުޅަހުގައި ތަރައްގީކުރި ވޮލީ ކޯޓް، ރައީސުލްޖުމުހޫރިއްޔާ ހުޅުވައިދެއްވައިފި

އިތުރު ހައުސިންގ ޔުނިޓްތަކެއް ގާއިމުކޮށްދިނުމަށް އުކުޅަހުން ރައީސް އަށް ދަންނަވައިފި

ރައީސް އުކުޅަހަށް؛ އެ ރަށު ބަނދަރުމަތިން ހޫނު މަރުހަބާއެއް!





