
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްފި
# ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު---
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށް އޮތް އަހަރުތަކަށް އަމާޒުކޮށް އެކުލަވާލި އައު ސްޓްރެޓީޖިކް ޕްލޭން ރަސްމީކޮށް ނެރެދެއްވައިފިއެވެ.

މި ޕްލޭން އިފްތިތާޙްކޮށްދެއްވީ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް އިދާރާތަކަށް ޚާއްސަކޮށްގެން ބޭއްވި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިއީ 2026 އިން ފެށިގެން 2029 ގެ ނިޔަލަށް އޮޑިޓް އޮފީހުގެ މަސައްކަތްތައް ތަރުތީބުކުރާނެ ގޮތާއި، އެންމެ ބޮޑު އިސްކަމެއް ދޭނެ ދާއިރާތައް ބަޔާންކޮށްފައިވާ ތަފްސީލީ މަގުޗާޓެކެވެ. އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ފާހަގަކުރެއްވި ގޮތުގައި، މި ސްޓްރެޓެޖީ ބިނާކޮށްފައިވަނީ އިތުބާރު ހުރި އަދި ނަތީޖާ ނެރެދެވޭނެ ފަދަ ޒަމާނީ ތަސައްވުރެއްގެ މައްޗަށެވެ. މިގޮތުން ދައުލަތުގެ ދަރަނި ބެލެހެއްޓުން ހަރުދަނާކުރުމާއި، ތިމާވެށީގެ މައްސަލަތަކަށް ސަމާލުކަން ދިނުމުގެ އިތުރުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވާ މިންވަރު ބެލުމަށް މި ޕްލޭންގައި އިސްކަންދީފައިވެއެވެ.
އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލި މި ޕްލޭނަކީ ޤައުމީ މަސްލަހަތާއި ރައްޔިތުންނަށް ލިބޭނެ މަންފާއަށް ބަލައިގެން ތައްޔާރުކުރި ވަރަށް މުހިންމު ލިޔުމެއް ކަމަށެވެ. މީގެ އިތުރުން ފޮރެންސިކް އޮޑިޓާއި އައިޓީ އޮޑިޓް ފަދަ ޚާއްސަ ދާއިރާތަކުން ކުރިއެރުން ހޯދުމަށްވެސް މި ޕްލޭންގައި އުންމީދީ ރޭވުންތަކެއް ހިމަނާފައިވެއެވެ.
މި އައު ސްޓްރެޓީޖިކް ޕްލޭންގެ ދަށުން އޮޑިޓް އޮފީހުގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި، މަސައްކަތުގެ ތެރެއަށް ޒަމާނީ ޓެކްނޮލޮޖީއާއި އައު އުކުޅުތައް ތަޢާރަފްކުރުމަށް ވަނީ ނިންމާފައެވެ. އަދި ރާއްޖެއާއި ރާއްޖޭއިން ބޭރުގެ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމަށްވެސް މި ޕްލޭންގައި ބާރުއަޅާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް މަޢުލޫމާތު ދެއްވިއެވެ.
ގުޅުންހުރި

ސިންގަޕޫރަކީ ސަރަޙައްދީ ފެންވަރުގައި އީޖާދީ އަދި އުންމީދީ ދަންމަރެއް: ރައީސް

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްފި





