މާލޭގެ ވަށަމަގު ތަރައްޤީކުރުން: ދެން ހަދާނީ ނޯތު ހާބަރުން ރަސްފަންނާ ދެމެދު އޮތް ސަރަހައްދު
# ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުރަސްފަންނު ސަރަޙައްދު
މާލޭގެ ބޭރު މަގު ނުވަތަ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ ދަށުން، ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ހަމައަށް އޮތް ސަރަހައްދުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ގެނެސްދޭ، 'ޕަލްސް ޕޮޓްކާސްޓް' ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ތެރެއިން މިހާރު މަސައްކަތް ނިމެމުންދާ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ބައި އަންނަ ހަފުތާގައި އާންމުންނަށް ހުޅުވާލެވޭނެ ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް އޮތް ބަޔަކީ މިހާރު އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަހައްދެވެ. މި ބައި ތަރައްޤީކޮށް ނިމުމުން، މާލޭގެ ބާޒާރުމަތީގެ ވިޔަފާރިތަކަށާއި އެތެރޭގެ މަގުތަކަށް ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން މަގު ފުޅާކޮށް، ދެކޮޅަށް ދުއްވޭ ދެ ލޭނު ހިމެނޭ ގޮތަށް ބަދަލުކުރުމުން މުޅި މާލޭގެ ދަތުރުފަތުރަށް ފަސޭހަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ޕާކިންގެ ދަތިކަމަށް ހައްލެއް ހޯދުމަށްޓަކައި ބޭރު މަގުން ބައެއް ހިއްކައި، ގާތްގަނޑަކަށް 500 ސައިކަލު ޕާކުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ ކުރިން މަގުމަތީގައި ޕާކުކުރި ކުރުން މިހާރު ވަނީ އަލަށް ހިއްކި ސަރަހައްދަށް ބަދަލުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މަގުގެ ދެފަރާތުގައި ގަސް އިންދައި، ހިނގާބިނގާވެ އުޅޭ މީހުންނަށް ހިތްފަސޭހަ އަދި ދުއްވާލަން ފަސޭހަ މާހައުލެއް ބޮޑުތަކުރުފާނު މަގުގައި ގާއިމުކުރުމެވެ.
މިހާރު ކުރިއަށްދާ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރެއިން ބައެއް ސަރަހައްދުތަކުގައި ތާރުއަޅައި، މަގު ބައްތިތަކާއި ނިޝާންތައް ހަރުކުރުމުގެ ފަހުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފެށި މި މަޝްރޫޢުގެ މަސައްކަތްތައް ނިންމުމަށް ސަރުކާރުން ދަނީ ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންނެވެ.
ގުޅުންހުރި
މާލޭގެ ވަށަމަގު ތަރައްޤީކުރުން: ދެން ހަދާނީ ނޯތު ހާބަރުން ރަސްފަންނާ ދެމެދު އޮތް ސަރަހައްދު

ގިރިފުށީގެ ބިން އިތުރުކުރުމުގެ މަޝްރޫޢު ހިނގަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ: ރައީސް




