
-
އއ. އުކުޅަހު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 84 އިންސައްތަ މަސައްކަތް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސައިޓުގައި މިހާރު ކުރިއަށްދަނީ ބޭރު ތޮށީގައި ހިލަ ޖެހުމުގެ މަސައްކަތާއި ބަނދަރު ފުންކުރުމުގެ މަސައްކަތްތަކެވެ.
މި މަޝްރޫޢުގެ ދަށުން އުކުޅަހު ބަނދަރު ފުންކުރުމުގެ އިތުރުން، ގިރާ ސަރަޙައްދުތަކުގައި ރިވެޓްމަންޓް ޖެހުމާއި، ބްރިޖެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި އުޅަނދުފަހަރު ކައިރިކޮށް ފަސޭހަކަމާއެކު ޚިދުމަތް ހޯދޭނެ ގޮތަށް ޚާއްޞަ ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ.
އުކުޅަހު ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިމުމުން، އެ ރަށުގެ ލަފާފުރުމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ރަށުގެ އިޤްތިޞާދީ އަދި ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.





