އެމްއެމްއާރް ވެކްސިން
މިދިޔަ ހަފްތާގައި ހިމަބިހި ޖެހިގެން ރިޕޯޓުކުރީ 13 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާގޮތުގައި މީގެކުރިއާ އަޅާބަލާއިރު، މިހާރު މިވަނީ ހިމަބިހީގެ ކޭސްތައް ފެންނަ މިންވަރު މަދުވެފައެވެ.
ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމަށްވާ ހިމަބިހީގެ ފުރަތަމަ ކޭސް މާލެ ސަރަޙައްދުން ފެނިފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެއާއެކު އެޗްޕީއޭއިން ވަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއެއްގޮތަށް ޢަމަލުކުރަން ފަށާފައެވެ. އަދި މޮނީޓަރކުރުމާއި، ބަލި ޖެހިފައިވާ މީހުން ހޯދުމާއި، ވެކްސިން ދިނުމުގެ މަސައްކަތް ވެސް ފެށިއެވެ.
މީގެ އިތުރުން މެއި އަދި ޖޫން މަހުގެ ތެރޭގައި ބަލި ޖެހޭ މީހުންގެ ނިސްބަތް ކޮންމެ ހަފްތާއެއްގައިވެސްވަނީ އިތުރުވެފައެވެ. އެހެންނަމަވެސް މިދިޔަ ޖުލައި މަހުގެ މެދާހިސާބުން ބަލި ޖެހޭ މީހުންގެ ނިސްބަތްވަނީ މަދުވާން ފަށާފައެވެ.އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ނިމިދިޔަ ހަފްތާގައި މާލެ ސަރަޙައްދުން ބަލި ޖެހިފައިވަނީ 13 މީހަކަށެވެ. މިއާއެކު މިއަހަރު ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ ޢަދަދުވަނީ 199 އަށް އަރާފައެވެ. ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވެކްސިން ދެމުންދާއިރު މިހާތަނަށް 12971 މީހަކަށްވަނީ ވެކްސިން ދީފައެވެ.






