
މާލެ ސިޓީގެ މައިމަގުތަކުގެ ތެރެއިން "އަމީނީމަގު" ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، އެ މަގު މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ފެށުން ---
މާލެ ސިޓީގެ މައިމަގުތަކުގެ ތެރެއިން "އަމީނީމަގު" ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، އެ މަގު މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ފަށައިިފިއެވެ.

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ތާރު އަޅައިގެން ތަރައްޤީކޮށްފައިވާ އަމީނީމަގުގެ ފަހު ސެގްމެންޓްގެ މަސައްކަތްކުރީ މި ސަރުކާރުގައެވެ. އަމީނީމަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ޚާއްސަކޮށް އަމީނީ މަގުގެ ހުޅަނގަށްވީ ބައިވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
އަމީނީމަގު މަރާމަތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އެ މަސައްކަތުގެ ދަށުން އަމީނީމަގު މަރާމާތުކުރުމުގެ ގޮތުން ކުރަން ޖެހޭ ސަރވޭތައްވެސް އެމްޓީސީސީން ވަނީ ނިންމާފައެވެ. އެމްޓީސީސީން ބުނީ އަމީނީމަގުގެ ފުރަތަމަ ސެންގްމަންޓުގެ މަސައްކަތް ފަށާފައިވާކަމަށާއި މިހާރު ކުރިއަށްދަނީ ކުރިން އަޅާފައި އޮތް ތާރުގަނޑު ނެގުމުގެ މަސައްކަތްތަކަމަށެވެ.
މިމަޝްރޫޢުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަމީނީ މަގު މަރާމާތު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް ވަނީ ބަންދުކޮށްފައެވެ.
މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ވަނީ ތަރައްޤީކޮށްފައެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހުއެވެ.
އަމީނީ މަގު ބަންދުކުރުމުގެ ސަބަބުން އެމްޓީސީސީން ފޯރުކޮށްދޭ ބަސް ދަތުރުތަކަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެމްޓީސީސީން ބުނީ އެކުންފުނިން ފޯރުކޮށްދޭ އާރްޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ ރޫޓް-10 އޯކިޑް ރޫޓް ދަތުރުތައް ފަށާނީ އަދި ނިންމާނީވެސް ވެސްޓު ޕާކު ބަސް ސްޓޮޕަށްކަމަށެވެ. މި ބަދަލާ ގުޅިގެން އަމީނީމަގު މަރާމާތުކުރުމުގެ ސެގްމަންޓު 1ގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރ، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިއަށް ރޫޓް-10ގެ ބަސްތައް މަޑު ނުކުރާނެއެވެ. އަދި އަމީނީމަގު ސެގްމަންޓު 1ގެ މަސައްކަތް ނިމެންދެން ރޫޓް-11 އަމީނީމަގު ރޫޓުގެ ބަހުގެ ޚިދުމަތްތައްވެސް ވަގުތީގޮތުން މެދުކެނޑޭނެކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން ރޫޓް-1، ރޫޓް-3، ރޫޓް-7 އަދި ރޫޓް-15 ގެ އެންމެ ފަހުގެ މަންޒިލެއްގެ ގޮތުގައި މާލޭގައި މަޑުކުރާނީ މާފަންނު ބަސް ޓާމިނަލަށެވެ.






