
ބޮޑުތަކުރުފާނު މަގު ފެންބޮޑުވަނީ ޕަންޕް ސްޓޭޝަންގެ މަސައްކަތް ނުނިމޭތީ- އެމްޓީސީސީ
# އެމްޓީސީސީ# ބޮޑުތަކުރުފާނު މަގު މަޝްރޫއުބޮޑުތަކުރުފާނު މަގުގެ ޕަންޕް ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތް ކުރުމުގެ ތެރެއިން- ފޮޓޯ: އެމްޓީސީސީ
ބޮޑުތަކުރުފާނު މަގު ފެން ބޮޑުވަނީ ޕަންޕް ސްޓޭޝަންގެ މަސައްކަތްތައް ނުނިމޭތީ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ބޮޑުތަކުރުފާނު މަގު އަލަށް ތަރައްގީކޮށް ހުޅުވާލި ސަރަހައްދު ފެން ބޮޑުވުމާ ގުޅިގެން ގިނަ ބަޔެއްގެ ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް ނެރެއްވި ބަޔާނުގައި އެމްޓީސީސީން ބުނީ މި ސަރަހައްދު ޑިޒައިން ކުރެވިފައިވަނީ ސްޓޯމްވޯޓާ ޑްރެއިނޭޖް ސިސްޓަމް ހިމެނޭ ގޮތައް ކަމަށެވެ.
މި މަގު އާންމުންނަށް ހުޅުވާލިއިރުވެސް މަގުގެ ބައެއް މަސައްކަތްތައް ކުރިއަށްދާނެކަން އެމްޓީސީސީން ކުރިންވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި މަގުގެ ކެރިއޭޖްވޭގެ މަސައްކަތް ނިމުމާއެކު އާންމުންނަށް މަގު ހުޅުވާލީ، މަގު ބަންދުކޮށްފައި އޮތުމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށްކަމަށް އެމްޓީސީސީން ބުންޏެވެ.
މީގެއިތުރުން އެމްޓީސީސީން ބުނީ މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 3 ޕަމްޕު ސްޓޭޝަން މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން މި މަސައްކަތް ނިންމައި، 3 ޕަމްޕު ސްޓޭޝަން ބަހައްޓައި ޓެސްޓުކޮށް އަދި ކޮމިޝަންކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.
މި މުއްދަތުގައިވެސް މާލެއަށް ކުރާ މޫސުމީ ވިއްސާރައާ ގުޅިގެން ބޮޑުތަކުރުފާނުމަގުގައި ފެން ބޮޑުވާނަމަ ފެން ހިންދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރި އެވެ.





