
ޑާކް ރެއިންގެ އާ ފިލްމު “ޖަންނަތު” ގެ “ތީ މިހިތުގެ ވިންދަކީ” ރަސްމީކޮށް ނެރެފި
# ޑާކް ރެއިން އެންޓަޓެއިންމަންޓްޑާކް ރެއިން ގެ 'ޖަންނަތުގެ' ޕޯސްޓަރ' އެއް
ޑާކް ރެއިން އެންޓަރޓެެއިންމެންޓުގެ އާ ފިލްމު “ޖަންނަތު” ގެ “ތީ މިހިތުގެ ވިންދަކީ” ރަސްމީކޮށް ނެރެފިއެވެ.

މިއަހަރުގެ އޮގަސްޓް މަހުގެ 3 ވަނަ ދުވަހު ސިނަމާތަކަށް ނެރުމުގެ ތައްޔާރީތައް ވަމުން އަންނަ މި ފިލްމުގެ މި ލަވަ ނެރެފައިވަނީ މިއަދުއެވެ.
ފިލްމުގެ އޮރިޖިނަލް ސައުންޑް ޓްރެކް (އޯއެސްޓީ) ގެ ތެރޭގައި ހިމެނޭ ހިތްގައިމު މި ލަވަ ކިޔާފައިވަނީ މަރިޔަމް އަޝްފާ އަދި އަހުމަދު ނާޝިއު މުހައްމަދު (ނާޝް) އެވެ. ލަވައިގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ އަލީ ޝިފާއު އެވެ. އިސްމާއިލް މުބާރަކްގެ ޅެމަށް މި ލަވައިގެ ރެކޯޑިންގ އަދި މިކްސިންގ މަސައްކަތްތައް ކުރީ ހުސައިން ތައުފީގު އެވެ.
މި ފިލްމަކީ 2026 ވަނަ އަހަރުގެ އެންމެ އުންމީދީ އެއް ފިލްމުގެ ގޮތުގައި ފާހަގަކުރެވޭ، ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ފަރާތުން ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ފެންވަރު ރަނގަޅު އުފެއްދުމެކެވެ. ފިލްމު ރިލީޒްކުރުމުގެ ކުރިން ނެރުނު މި ލަވައަށް މިހާރުވެސް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.
“ޖަންނަތު” އަކީ ތަފާތު ރީތި މަންޒަރުތަކަކާއި އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށް ޕްރޮޑަކްޝަން ހައުސް އިން މައުލޫމާތު ދެޭއިރު، މި ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ޝަރަފް، ޝުހާ، މުޙައްމަދު ރަޝީދު (ދަރާ)، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، ޔާދާ، މުހައްމަދު އަފްރާހް (ކުޑޭ) އަދި އަންޖީ ހިމެނެއެވެ.
މިއީ އައިޝަތު ފުއާދު އާއި އަޙްމަދު ޠަލާލްގެ ސްކްރީން ޕްލޭއަކަށް އުފައްދާ ފިލްމުގެ ޕްރޮޑިއުސްކުރީ އައިޝަތު ފުއާދު އާއި މުހައްމަދު އަލީ (މޮގާ) އެވެ. އަދި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ޢަލީ ޝިފާއު (ޗިއްޕެ)އެވެ.
ދިވެހި ފިލްމް 'ޖަންނަތު' އަތޮޅު ތެރޭގެ ރަށްތަކުގައި އަޅުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، 'އައިލެންޑް ސިނަމާ' މެދުވެރިކޮށް މި ފިލްމު އަތޮޅުތަކުގައި އެޅުވުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި 9111164 ނުވަތަ 7779621 އަށް ވައިބަރ ކުރުމުން އެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.






