
ކ. ކާށިދޫ ބަނދަރު --- ފޮޓޯ: ޒިދާން މުޙައްމަދު/ ގާފު
ކ. ކާށިދޫ ބަނދަރުގެ އެއްގަމު ތޮށީގެ ޝީޓްޕައިލްތައް ކައިރިން އެކި ދިމާދިމާއިން ވެލިގަނޑު ދަމައިގަނެ، ބަނދަރުގެ ހާލަތު ނުރައްކާތެރި ފައްތަރަކަށް ހިނގައްޖެއެވެ.

ކާށިދޫގެ ބައެއް ރައްޔިތުން މިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން، ގާފުގެ ނޫސްވެރިން ވަނީ އެ ސަރަހައްދަށް ގޮސް ގާތުން އެތަނުގެ ހާލަތު ބަލާފައެވެ. ބަނދަރުގެ ޝީޓްޕައިލްތަކުގައި ރެދުލައި ކަނޑަކަނޑައިގެން ގޮސް، ބައެއް ސަރަހައްދުތަކުގައި ބޮޑެތި އަޑިގަނޑުތައް ހެދިފައިވާކަން މި ނޫހުގެ ނޫސްވެރިންނަށް، ވަނީ ފާހަގަކުރެވިފައެވެ. އަދި ޝީޓްޕައިލްތަކުގެ އެއްގަމާވީ ފަރާތުން، ބައެއް ދިމަދިމާއިން ވެލިގަނޑުވަނީ ދަމައިގެންފައެވެ.
ހުޅަނގު މޫސުމުގެ ގަދަވަޔާއި ވިއްސާރައިގައި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައަރައި، ވެލިގަނޑު އިތުރަށް ދަމައިގަންނަމުންދާތީ، ބަނދަރު ސަރަހައްދުގައި ނުރައްކާތެރި ހާދިސާއެއް ހިނގާފާނެކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.
ކ. ކާށިދޫ ބަނދަރު --- ފޮޓޯ: ޒިދާން މުޙައްމަދު/ ގާފު
އެ ރަށު ބަނދަރު ތަރައްޤީކުރުމަކީ، ކާށިދޫގެ ލަފާފުރުމުގެ ދަތިތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދަން ނިންމާފައިވާ މުހިންމު މަޝްރޫޢެކެވެ.
ކާށިދޫ ބަނދަރު ތަރައްޤީ ކުރުމުގެ އައު މަޝްރޫޢުގެ ދަށުން ބަނދަރު ބޮޑުކުރުމާއި، ބިން ހިއްކުމުގެ އިތުރުން އައު އެއްގަމުތޮށިލުމުގެ މަސައްކަތްތައް ހިމެނެއެވެ. މިއަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކާށިދޫ ބަނދަރު ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރު ވައުދުވެވަޑައިގަންނަވާފައެވެ.
މި މަސައްކަތް ސަރުކާރުން މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބަލައިޒްކުރުމަށް ބޭނުންވާ ބިން ކާށިދޫ ކައުންސިލުން މިހާރު ވަނީ ހަމަޖައްސައިދީފައެވެ.
ބަނދަރުގެ ހާލަތު ގޯސްވަމުންދާތީ، ފަސްވަނަ ދައުރުގެ ކައުންސިލުން ވަނީ މިކަމުގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައެވެ. ރަށުގެ ރައްޔިތުން އުންމީދު ކުރަނީ ބަނދަރުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށި، ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދިއުމަށެވެ.







