
ކާށިދޫގެ ތާރީޚީ މުއްސަނދިކަމާއި ފަތުރުވެރިކަމުގެ އުންމީދު!
# ކުރުހިންނަ ތަރާގަނޑު# ކުޑަ މިސްކިތް# ކ. ކާށިދޫކ. ކާށިދޫ ކުރު ހިންނަ ތަރާގަނޑު މަތިން ނަގާފައިވާ ފޮޓޯއެއް --- ގާފު ފޮޓޯ: އަޙުމަދު ރީހާން
މާލެ އަތޮޅުގެ އެންމެ އުތުރަށް އެކަހެރިކޮށް އޮތް ކާށިދޫއަކީ ގުދުރަތީ ގޮތުންނާއި ތާރީޚީ ގޮތުން ބަލާއިރު ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ. ގަދަ ކަނޑެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކާށިދޫ ކަނޑު ހުރަސްކޮށް މި ރަށަށް ވާސިލުވާ މުސާފިރަކަށް ފެންނާނީ ހިތްގައިމު މަންޒަރުތަކެކެވެ. ގާތްގަނޑަކަށް 2800 މީހުންގެ އާބާދީއެއް އޮތް ކ. ކާށިދޫއަކީ ދަނޑުވެރިކަމަށް މަޝްހޫރު ރަށަކަށް ވީނަމަވެސް، މި ރަށުގެ އަސްލު މުއްސަނދިކަން ގުޅިފައިވަނީ ރަށުގައި ހުރި އާސާރީ ތަންތަނާއެވެ.

ކުރުހިންނަ ތަރާގަނޑު
ކާށިދޫއަށް ޒިޔާރަތްކުރާ ތާރީޚާއި ތަރިކައާ މެދު ޝައުގުހުރި ކޮންމެ މީހެއްގެ ހިތް އެންމެ ބޮޑަށް ދަމައިގަންނަނީ މި ރަށުގައި ހުންނަ 'ކުރުހިންނަ ތަރާގަނޑު' އެވެ. މިއީ ރާއްޖެ އިސްލާމްވުމުގެ ކުރިން ބުދުދީނުގެ އަހުލުވެރިން ބޭނުންކޮށްފައިވާ ވަރަށް އާސާރީ ބިނާއެކެވެ. މީލާދީން 7 ވަނަ ގަރުނާއި 8 ވަނަ ގަރުނާ ދެމެދުގެ ތާރީޚަކަށް ނިސްބަތްވާ މި ބިނާއަކީ ދިވެހި ތާރީޚު ދިރާސާކުރާ ފަރާތްތަކަށް ހުރި އަގުނުކުރެވޭ ފަދަ ތަރިކައެކެވެ.
1996 އާއި 1998 އާ ދެމެދު ކުރެވުނު ކޮނުމުގެ މަސައްކަތުން މި ސަރަހައްދުން 1880 އަކަމީޓަރުގެ ބިން ހާމަކުރެވިފައިވެއެވެ. އޭގެ ތެރެއިން މުރަކަގަލުން ހަދާފައިވާ 64 ބިނާއެއްގެ ބުޑުތައް ވަނީ ފެނިފައެވެ. މިއީ ރާއްޖޭގެ ގަދީމީ ޘަޤާފަތާއި އޭރުގެ މީހުންގެ ދިރިއުޅުން ހުރި ގޮތް ދައްކުވައިދޭ ދިރިހުރި ހެއްކެކެވެ.
ކ. ކާށިދޫ ކުރުހިންނަ ތަރާގަނޑު --- ފޮޓޯ: ގާފު
ލޯކަލް ޓޫރިޒަމާއި އާސާރީ ތަރިކަ
ރާއްޖޭގެ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނައިރު، ކާށިދޫއަކީވެސް މި ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދިދާނެ ރަށެކެވެ. ރަށުގައި މިހާރުވެސް ޒަމާނީ ފެންވަރުގެ ގެސްޓްހައުސްތަކާއި ހޮޓާތައް ހުރިއިރު، ފަތުރުވެރިންނަށް ހާއްސަ 'ޓޫރިސްޓް ބީޗް' އެއްވެސް ވަނީ ގާއިމުކޮށްފައެވެ. ނަމަވެސް ކާށިދޫގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ފުރުސަތަކީ އެ ރަށުގެ އާސާރީ ތަރިކައެވެ.
ކާށިދޫގެ ރަށްވެހިން ގަބޫލުކުރާ ގޮތުގައި 'ކުރުހިންނަ ތަރާގަނޑު' ފަދަ ތަންތަނަކީ ރަށުގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ލިބިފައިވާ 'ރަންބިސްއަޅާ ކުކުޅެވެ'. ދުނިޔޭގެ އެކި ކަންކޮޅުތަކުން ތާރީޚާއި އާސާރީ ކަންކަމަށް ޝައުގުވެރިވާ ފަތުރުވެރިން މިފަދަ ތަންތަން ބަލައިލުމަށް ޝައުގުވެރިވާނެކަން ކަށަވަރެވެ.
ކ. ކާށިދޫ ކުރުހިންނަ ތަރާގަނޑު --- ފޮޓޯ: ގާފު
މިހާރުގެ ހާލަތާއި ކުރިމަގުގެ ރޭވުންތައް
ކަންބޮޑުވާންޖެހޭ ކަމަކީ، އެއްދުވަސްވަރެއްގައި ވަރަށް ރީތިކޮށް ބަލަހައްޓަމުން އައި ކުރުހިންނަ ތަރާގަނޑު ސަރަހައްދު މިހާރު ވީރާނާވަމުން ދިއުމެވެ. ވިނަބޯވެ، ގަސްތައް ހެދި، އެތަން މިހާރު އޮތީ 'ޖަންގައްޔެއްގެ' ސިފައިގައެވެ. މިއީ މިފަދަ އަގުހުރި ތަރިކައަކަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. ނަމަވެސް، އުންމީދަކީ ތާރީޚާއި ޘަޤާފަތާ ބެހޭ ވުޒާރާއާއި މިރަށު ކައުންސިލް ގުޅިގެން މިތަން އަލުން މީހުންނަށް ފެންވަރުކޮށް، ކުރިން އޮތް ޝައުގުވެރި ހާލަތަށް ގެނައުމެވެ. އެކަން ކުރުމަށް މިރަށު ކައުންސިލްގެ ފަސް ވަނަ ދައުރުގެ ވިސްނުން އެބަ ހުއްޓެވެ. ކައުންސިލުން ވަނީ އެކަން ހަގީގަތަކަށް ހެދުމަށް އަމާޒުހިފާފައެވެ.
ކުޑަ މިސްކިތް
މީގެ އިތުރުން ކާށިދޫގައި ހުރި ތާރީޚީ މިސްކިތަކީވެސް ފަތުރުވެރިންނަށް ދެއްކިދާނެ އަގުބޮޑު އާސާރެކެވެ. ރަށު "ކުޑަ މިސްކިތް" ދިވެހިރާއްޖޭގެ އާޘާރީ ތަރިކައިގެ ދަފުތަރުގައި ހިމަނާފައިވިޔަސް އެއްވެސް ތަފުސީލީ މައުލޫމާތެއް ހިމަނާފައެއް ނުވެއެވެ. މިހާރު މިމިސްކިތުގެ އެތެރެ ހުރީ ވަރަށް ބޮޑަށް ކޮނެފައެވެ. ކުރިން ހުކުރު މިސްކިތެއްގެ ގޮތުގައި ބޭނުންކުރި މިސްކިތް ކޮނުނުއިރު 2020 ވަނަ އަހަރު ފެނުނު ތަރަހަ ދިރާސާ ކުރުމުގެ މަސައްކަތް 2025 ވަނަ އަހަރުގެ ތެރޭގައި ވަނީ ފަށާފައެވެ. 2020 އަހަރުގެ ތެރޭގައި މިސްކިތުގައި ގަބުރު ހުރިތޯ ބެލުމަށް ކޮނުމުގެ ތެރޭގައި ފެނުނު އާސާރީ ތަނަކީ ވަރަށް އިހުގެ މިސްކިތެއްގެ ފައުންޑޭޝަނެކެވެ. އެންމެ ފުރަތަމަ ކުރެވުނު ދިރާސާތަކުން މިސްކިތުގެ އެތެރެއިން ކަނަކާ ދިމާލުން ކޮނުނުއިރު ގަދީމީ ވަޅެއް އަދި މިސްކިތުގެ މެދުން ހަމަ އެފަދަ ވަޅެއް ފެނިފައިވެއެވެ. އަދި މިސްކިތައް ވަނުމަށް ހެދިފައިވާ މަގުގެ މެދުން ކޮނުނުއިރު، އެއީ މިސްކިތް ހުރި ބިމުގައިވާ ސަހަރާގެ ބައެއްކަންވެސް ވަނީ ހޯދިފައެވެ.
ކ. ކާށިދޫ ކުޑަ މިސްކިތާއި ސަހަރާ --- ފޮޓޯ: ގާފު
ގަބުރު ފެނިގެން ކާށިދޫގެ ކުރީގެ ހުކުރު މިސްކިތް ބަންދުކުރީ 2011 ވަނަ އަހަރުއެވެ. ގަބުރުސްތާނުގެ އިމުގެ ތެރޭގައި ހުންނަ ޒަމާންވީ މިސްކިތް "މަސްޖިދުއް ނިޢުމާ"ގައި ނަމާދުކުރުން ހުއްޓާލީ އެތަނުގެ ހަރިންމަ ތެރެއިން ގަބުރު ފެނުމާ ގުޅިގެންނެވެ. ކާށިދޫ ކައުންސިލުން އޭރު މީޑިއާއަށް މައުލޫމާތު ދީފައިވަނީ އެ މިސްކިތް ހުރީ ރަށުގެ ގަބުރުސްތާނު ސަރަހައްދުގައި ކަމަށާއި ކުރިން ސްކޫލްގެ ގޯތިތެރެއިން މިނިކަށި ފެނުމާ ގުޅިގެން މިސްކިތުގެ ތެރޭގައި މިނިކަށި ހުރެދާނެ ކަމަށް ޝައްކުކުރެވޭތީ ހަރިންމަ ތެރެ ކޮނުމުން ދެ ތަނަކުން ގަބުރު ފެނިފައިވާ ކަމަށެވެ. މިސްކިތާ ވަރަށް ކައިރިން މިނިކަށި ފެނުމާ ގުޅިގެން މިސްކިތް ތެރޭގައި ވެސް މިނި ކަށި ހުރިކަމަށް ގަބޫލުކުރެވޭތީ މިސް ކިތް ބަންދުކުރީއެވެ. ފަހުން މިސްކިތުގެ އެތެރެ ކޮނެ ބެލިއިރުވެސް ގަބުރު ފެނުނެވެ.
ކ. ކާށިދޫ ކުޑަ މިސްކިތް --- ފޮޓޯ: ގާފު
ކ. ކާށިދޫ ކުޑަ މިސްކިތް --- ފޮޓޯ: ގާފު
ކ. ކާށިދޫ ސަހަރާ --- ފޮޓޯ: ގާފު
ކ. ކާށިދޫ ކުޑަ މިސްކިތް --- ފޮޓޯ: ގާފު
ކ. ކާށިދޫ ކުޑަ މިސްކިތް --- ފޮޓޯ: ގާފު
މިފަދަ ތަންތަން ރަނގަޅަށް ބަލަހައްޓައި، އެ ތަންތަނުގެ ތާރީޚީ މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ، ކާށިދޫއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޗާޓުގައި ފާހަގަކޮށްލެވޭ މުހިންމު މަންޒިލަކަށް ވާނެއެވެ.
ކާށިދޫއަކީ ހަމައެކަނި ދަނޑުވެރި ރަށެއް ނޫނެވެ. މިއީ ދިވެހި ތާރީޚުގެ މުހިންމު ސަފުހާތަކެއް ރައްކާކުރެވިފައިވާ 'އޯޕަން އެއާ މިއުޒިއަމް' އެކެވެ. ރަށުގެ އާސާރީ ތަރިކަ ހިމާޔަތްކޮށް، މި ތަންތަން ފަތުރުވެރިކަމުގެ އުފެއްދުމެއްގެ ގޮތުގައި ތަރައްޤީކުރުމަކީ ރަށުގެ އިގްތިސާދަށާއި، އަންނާން އޮތް ޖީލުތަކަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ.







