
ކ. ކާށިދޫއަށް އުދަ އަރަނީ ---
ކ. ކާށިދޫއިން، ޒިދަާން މުޙައްމަދު، ގާފު:

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ، ކ. ކާށިދޫގެ ބައެއް ސަރަހައްދުތަކަށް އުދަ އަރަން ފަށައިފިއެވެ.
މި ރަށުގެ ދެކުނު ފަރާތުގެ އިތުރުން އުތުރުކޮޅު ސަރަހައްދަށް ވެސް ދަނީ އަރަމުންނެވެ.
ކާށިދޫގެ އުތުރުކޮޅު ސަރަހައްދަކީ އާންމުކޮށް ވެސް ވަރަށް ބޮޑަށް ގިރަމުންދާ ސަރަހައްދަކަށް ވާއިރު، މިހާރު ކުރަމުންދާ ވިއްސާރައިގައި އުދަ އެރުމުގެ ސަބަބުން މި ސަރަހައްދަށް ވަނީ އިތުރު ގެއްލުންތަކެއް ކުރިމަތިވެފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާއި 7 ފޫޓާ ދެމެދުގައެވެ.
ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުފަތުރު ކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދިފައެވެ.







