
ކ. ކާށިދޫ މަތިން ނަގާފައިވާ ފޮޓޯއެއް --- ގާފު ފޮޓޯ: އަޙުމަދު ރީހާން
މާލެ އަތޮޅު ކާށިދޫއަކީ ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ މައި މަރުކަޒެކެވެ. ވަށައިގެން މާކަނޑު އޮތް ނަމަވެސް، ކާށިދޫ މަސްވެރި ރަށަކަށް ނުވީ މި ރަށުގެ ގުދުރަތީ އުފެދުމުގެ ސަބަބުންނެވެ. އެން ހިފާނެ ފަޅެއް ނުވަތަ ގިރިއެއް ކައިރީގައި ނެތުމަކީ މަސްވެރިކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، ކާށިދޫގެ ރައްޔިތުން އިޚްތިޔާރު ކުރީ ރަށުގެ މުއްސަނދި ފަސްގަނޑުގެ ބޭނުން ހިފައިގެން ދަނޑުވެރިކަން ކުރުމަށެވެ.

ދަނޑުވެރިކަމުގެ އާ ފަތިހެއް
ކުރިން ކާށިދޫ މަޝްހޫރުވެފައި އޮތީ ހަމައެކަނި ކޭލާއި، ތަރުކާރީ އަދި މޭވާގެ ބާވަތްތައް ހައްދާ ރަށެއްގެ ގޮތުގައެވެ. ރާއްޖޭގައި ފަތްކެޔޮ ކޮންޓްރޯލް ކުރާ ރަށަކީ ކާށިދޫއެވެ. ރޯދަޔަށް ގިނަ އަދަދަކަށް ކަރާ ހައްދައެވެ. މީގެ އިތުރުންވެސް ޑްރެގަން ފުރުޓު ފަދަ ފާމްތައް ވެސް އެބަ އޮތެވެ. ޒަމާންތައް ކުރިން ނަމަ ހައްދަނީ ކާނެ އެއްޗެހި ލިބޭ މިފަދަ ގަސްގަހާގެހި އެކަންޏެވެ. ނަމަވެސް މިއަދު އެ މަންޒަރު ވަނީ ބަދަލުވެފައެވެ. ވަލުތެރޭގައި ކުރާ ބުރަ މަސައްކަތުގެ އިތުރުން، އަމިއްލަ ގޯތިތެރޭގައި ބަގީޗާ ގަސް ހެއްދުމުގެ ފޯރި ވަނީ މުޅި ރަށުގައި ހިފާފައެވެ. މިއީ ހަމައެކަނި ހިތްހަމަޖެހުމަކަށް ކުރާ ކަމަކުން، ފުޅާ ދަނޑުވެރިކަމަކަށް ބަދަލުވެފައިވާ މަސައްކަތެކެވެ.
ކ. ކާށިދޫ މަތިން ނަގާފައިވާ ފޮޓޯއެއް --- ގާފު ފޮޓޯ: އަޙުމަދު ރީހާން
ގޯތިތެރޭގެ ބަގީޗާތަކާއި ގަސްތަކަށް އޮތް ލޯބި
މިއަދު ކާށިދޫގެ ކޮންމެ ގެއަކަށް ބަލާލި ކަމުގައިވިޔަސް ފެންނާނީ ފެހިކަން ގަދަ ބަގީޗާތަކެވެ. ބައެއް ގޯތިތަކުގައި 1000 އާއި 1500 އަކަފޫޓުގެ ސަރަހައްދެއް ބަގީޗާ ގަސް ހެއްދުމަށް ހުސްކޮށްފައިވެއެވެ. މި މަސައްކަތް ކުރާ މީހުން ގަސްތަކަށް ކުރާ ލޯތްބަކީ އާދަޔާ ހިލާފު ލޯތްބެކެވެ. ދަރިންނަށް ބަލާ ފަދައިން ގަސްތަކަށް ބަލައެވެ. މިއީ ހަމައެކަނި އާމްދަނީއަކަށް ކުރާ ކަމެއް ނޫންކަން މިކަމުން ހާމަވެއެވެ.
އާމްދަނީ އާއި މާކެޓްގެ ފުރުސަތުތައް
ބަގީޗާ ގަސް ހެއްދުމަކީ މިހާރު ކާށިދޫގެ ރައްޔިތުންނަށް ލިބޭ ބޮޑު އާމްދަނީއެކެވެ. މާލޭގެ ބާޒާރުގެ އިތުރުން، ރާއްޖޭގެ އެކި ރިސޯޓްތަކަށް ވެސް ކާށިދޫއިން ގަސް ސަޕްލައި ކުރެއެވެ. މާއަޅާ ގަސްތަކާއި، ގޭތެރޭގައި ޒީނަތްތެރިކުރަން ބަހައްޓާ ގަސްތަކަށް އޮންނަ ޑިމާންޑް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިއީ މަސްވެރިކަމާ އަޅާބަލާއިރު އާއިލާއާ އެކު ގޭގައި ތިބެގެން ކުރެވޭ، ހަށިގަނޑަށް ލުއި އަދި ނަފާ ބޮޑު މަސައްކަތެކެވެ.
ގޭގޭގެ ބޭރުގައިވެސް ބަގީޗާ ގަސްތައް ވަނީ ހައްދާފައި ----
ވަގުތު މެނޭޖްކުރުމާއި މުސްތަގުބަލު
ކާށިދޫގެ ގިނަ ދަނޑުވެރިން މިހާރު އުޅެނީ ވަރަށް ބިޒީކޮށެވެ. ދުވާލުގެ އެއްބައި ވަލުތެރޭގައި ހުންނަ ކޭލާއި ތަރުކާރީ ދަނޑުތަކުގައި ހޭދަކުރާއިރު، އަނެއްބައި ހޭދަކުރަނީ ގޭތެރޭގެ ބަގީޗާގައެވެ. މި ދެ ބާވަތުގެ ދަނޑުވެރިކަން އެކުއެކީގައި ކުރިއަށް ގެންދިއުމަކީ ރަށުގެ އިގްތިސާދު ވަރުގަދަވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާ ކަމެކެވެ.
ކާށިދޫއަކީ ދިވެހިންގެ ހީވާގިކަމާއި ކެތްތެރިކަމުގެ ނަމޫނާއެކެވެ. މަސްވެރިކަމަށް އޮތް ހުރަސްތަކާއެކުވެސް، އަމިއްލަ ފަސްގަނޑުން ރަން ފަވާލެވިދާނެކަން މި ރަށުގެ ރައްޔިތުން ވަނީ ސާބިތުކޮށްދީފައެވެ. ބަގީޗާ ގަހުގެ ދަނޑުވެރިކަމަކީ ކާށިދޫގެ ރީތިކަން އިތުރުކޮށްދިނުމުގެ އިތުރުން، ރަށަށް އާރޯކަމާއި ތަނަވަސްކަން ގެނެސްދިން އާ އުންމީދެކެވެ.







