
ވިލުންވެށި ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
# ވިލުންވެށި ގްރާންޓް ޕްރޮގްރާމް# އެސްއެމްއީވިލުންވެށިގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފެށުން- ފޮޓޯ: ޕީއެސްއެމް
"ވިލުންވެށި ގްރާންޓް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ތިމާވެއްޓާ ރައްޓެހި އިޖާދީ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ މަގްސަދުގައި ބާއްވާ ޕްރޮގްރާމެކެވެ.
އަމިއްލަ ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައާރަފުކޮށްފައިވާ މި ޕްރޮގްރާމްގެ ދަށުން، މުޖުތަމައަށް ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ މަޝްރޫއުތަކަށް 100،000 (އެއްލައްކަ) ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ޕްރޮގްރާމް އެސްއެމްއީ ޑިޖިޓަލް އާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ މި ގްރާންޓަކީ ވިލުންތެރި އާ އިޖާދުތަކާއި ޑިޖިޓަލް ވަސީލަތްތަކަށް ހިތްވަރުދީ ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެކުލަވާލާފައިވާ މަޝްރޫއުއެކެވެ.
ރާއްޖޭގައި ކާނާގެ ރައްކާތެރިކަން އިތުރު ކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ ފަދަ އިޖާދީ ހައްލުތައް ހޯދުމަސް މަގުފަހިކޮށްދިނުމަކީ މި ގްރާންޓްގެ މައިގަނޑު ބޭނުމެވެ. އަދި ހާއްސަކޮށް ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ގައުމެއްގައި، އަމިއްލަ މަސައްކަތުން ކާނާ އުފެއްދުމާއި، ތިމާވެއްޓާ ރައްޓެހި އުސޫލުތައް ކުރިއެރުވުމަކީ ސަރުކާރުންވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދޭ ކަމަކެވެ.
މި ގްރާންޓަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފަ އެވެ.
ނަމަވެސް މިކަމަށް އެދި ހުށަހަޅާ މަޝްރޫއުތަކަކީ ތިމާވެށި ހިމާޔަތްކުރުމަށް ބާރުއަޅާ އަދި ދިގު މުއްދަތަކަށް މުޖުތަމައުއަށް އޭގެ މަންފާ ކުރާނެ މަސައްކަތްތަކަށް ވާންޖެހެ އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީގައި އަމިއްލަ ފަރުދުންނާއި ކުދި ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުންވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާހްކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ.






