ރާހުލް ގާނދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި އެގައުމުގެ ސަރުކާރުގެ މިނިސްޓަރުން ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާމުން ލޯކް ސަބާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފިއެވެ.

ރާހުލް ގާނދީ މިހެން ގޮވާލީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ރަސްމީ ގެކޮޅު ކައިރީގައި އޮންނަ ލޯކް ކަލްޔާން މާގް ގައި ކުރިއަށްގެންދިޔަ ހިމޭން މުޒާހަރާގެ ތެރެެއިންނެވެ.
މި މުޒާހަރާގެ ތެރެއިން ކޮންގްރެސް ޕާޓީގެ ރައީސް މަލިކުއަރްޖުން ޚަރްގެއާއި, ޕްރިޔަންކާ ގާންދީ ވަދްރާގެ އިތުރުން އެހެނިހެން އިދިކޮޅު ލީޑަރުންނާއި ޕާޓީގެ އިސް މެންބަރުން، ވެސް ވަނީ ދިއްލީ ފުލުހުން ހައްޔަރުކޮށްފައެވެ.
މި މުޒާހަރާއަކީ، ޤައުމީ ފެންވަރުގައި ބާއްވާ އިމްތިޙާނުތަކާއި ތަޢުލީމީ ދާއިރާގެ އެކި ކަންކަމުގައި ފާޅުވަމުންދާ ނުރަނގަޅު މައްސަލަތަކާއި ލީކުވުމުގެ މައްސަލަތަކާ ގުޅިގެން، ޤައުމުގެ ޒުވާން ދަރިވަރުންގެ ޙައްޤުގައި އަޑުއުފުލުމަށް ބޭއްވުނު ހަރަކާތެކެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި, އިމްތިޙާނުތަކުގެ ސައްޙަކަން ގެއްލި ޒުވާނުންގެ މުސްތަޤުބަލު ހަލާކުވަމުންދާއިރު، ސަރުކާރުން ވަނީ މިކަމުގައި ޒިންމާ ނަގަން އިންކާރުކޮށްފައެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި މުޒާހަރާކުރި ދަރިވަރުންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކޮށް އަނިޔާވެރިވުމާ ގުޅިގެން، ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ޔޫނިއަން އެޑިއުކޭޝަން މިނިސްޓަރު ހަރްމެންދްރަ އިސްތިއުފާދެއްވުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލާފައިވެއެވެ.
މި ހަރަކާތުގެ ތެރެއިން މުޒާހަރާގެ ބައިވެރިން ކުރިއަށް ދިއުމަށް މަސައްކަތް ކުރުމާ ގުޅިގެން، ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަހައްދު ބަންދުކޮށް، ރަހުލް ގާންދީއާއި އިދިކޮޅު އިސް ބައެއް ލީޑަރުން ހައްޔަރުކޮށްފައެވެ.މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށް، އަމަންއާމާންކަން ދެމެހެއްޓުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.






