
ހުޅުމާލެ
ހުޅުމާލެ ކުނީގެ މައްސަލަ ހައްލުކުރުމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބިމެއް ދީފި އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޖަލީލް ވަނީ މިކަން ހާމަކޮށް ސޯޝަލް މީޑިއާގައި ޕޯސްޓެއްކޮށްފަ އެވެ.
ޖަލީލް ވިދާޅުވީ ހުޅުމާލެގައި ދިމާވާ ކުނީގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އެޗްޑީސީން މިއަދު ބިމެއް ދީފައިވާ ކަމަށެވެ.
މި މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ބިމެއް ދީފައިވަނީ ވަގުތީގޮތުން ކަމަށް ޖަލީލް ވިދާޅުވި އެވެ. އަދި މިއީ އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު އަލީ ޒުހައިރުގެ އިސްނެންގެވުމުގެ ދަށުން ވަރަށް ރަނގަޅަށް ހައްލުވެގެންދިޔަ މައްސަލައެއް ކަމަށްވެސް ޖަލީލް ފާހަގަކުރެއްވި އެވެ.
ހުޅުމާލޭގެ އިތުރުން މާލޭގައިވެސް ކުނީގެ މައްސަލަ ދަނީ ބޮޑުވަމުންނެވެ. އެއީ މި މަހުގެ 19 ވަނަ ދުވަހުގެ އިރާކޮޅު ތިލަފުށީ ކުނި މެނޭޖުކުރާ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ގޮތުން ތިލަފުށިއަށް ކުނި ގެންދިއުން މެދުކަނޑާލާފައިވުމާ ގުޅިގެންނެވެ.
މިކަމަށް ހައްލެއް ގެނައުމަށްޓަކައި ވެމްކޯއިން ވަނީ މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރުންނާވެސް ބައްދަލުކުރައްވާފަ އެވެ.






