
ފޮޓޯ: އެޗްޑީސީ
މިނިވަން ދުވަހާ ގުޅުވައިގެން "ސައްބީސް ކާނިވަލް" ފަށައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން، އޮފިޝަން އިވެންޓްސް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ކާނިވަލް މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށެވެ. ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ކާނިވަލުގައި ގިނަ ހަރަކާތްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ކާނިވަލް ގޭމްސް، ހޮރޯ ހައުސް، ޑިޖިޓަލް ގޭމިންގ އެރީނާ، ކުޑަކުދިންނަށް ޚާއްސަ އޭރިއާ އަދި އިންފްލޭޓަބަލްސް ހިމެނެއެވެ.
މީގެ އިތުރުން ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ ފުޑް ކިއޮސްކުތަކާއި، ލައިވް މިއުޒިކް އަދި ބޮޑުބެރުގެ ހުށަހެޅުންތައް ވެސް ކުރިއަށްދާނެއެވެ.
އެޗްޑީސީން ބުނީ މިއީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެއް ކަމަށެވެ. އަދި ކުދިބޮޑު އެންމެން އެއްތަނަކަށް އެއްވެ، މަޖާ މާހައުލެއްގައި ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް ބޭނުމެއް ކަމަށެވެ.






