
އަމީނީ މަގު ތަރައްގީކުރުމަށް ސާވެ ހެދުމުގެ ތެރެއިން- ފޮޓޯ: އެމްޓީސީސީ
އަމީނީމަގު މަރާމާތުކުރުމަށް ހަދަންޖެހޭ ސާވޭގެ މަސައްކަތް އެމްޓީސީސީން ކުރިއަށްގެންގޮސް ނިންމާލައިފި އެވެ.

އެމްޓީސީސީން ބުނީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ސާވޭތަކުގެ ތެރެއިން، އަމީނީ މަގުގައި ކޯ ކަޓިންގްގެ މަސައްކަތްތައް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.
އެމްޓީސީސީން ދަނީ އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށުމަށް ތައްޔާރުވަމުންނެވެ.
މާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އަމީނީ މަގާއި، އިއްޒުއްދީން މަގުގެ އިތުރުން ބޮޑުތަކުރުފާނު މަގު މަރާމާތުކޮށް، ރަނގަޅު ފެންވަރަކަށް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.
އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަހައްދުގެ މަސައްކަތް ނިންމާ ފުރަތަމަ ހުޅުވާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގަ އެވެ. މިދިޔަ އަހަރުގެ ކުރީކޮޅުވެސް މާފަންނު ސްްޓޭޑިއަމް ސަހަރައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައި ތާރުގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ.
މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ މާލޭގެ މަގުތަކަކީ އާންމުންނަށް ބޭނުންކުރަން އަމާން އަދި ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ މަގުތަކަކަށް ހެދުންކަމަށް އެމްޓީސީސީން ބުންޏެވެ.






