
މީހެއްގެ އަތުން 10،000 ރުފިޔާ ފޭރުނު ދިވެއްސަކު ހައްޔަރުކޮށްފި
# ވައްކަން# ފުލުހުން# ފޭރުން# ދިވެހި ފުލުހުންގެ ޙިދުމަތްފޮޓޯ: ޕޮލިސް
ހުޅުމާލެ ފޭސް 1 އެފްޑަބްލިޔު ރެސިޑެންސް ކައިރިން ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން، 10،000 ފޭރިގެންފިއެވެ.

ރުފިޔާ އޮތް ވޮލެޓެއް، ސައިކަލެއްގައި ދިޔަ ދެ މީހަކު ފޭރުނު މައްސަލަ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ 11:25 އެހައިކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަން ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލަ ހުށަހެޅުމާއެކު، ފޭރުނު މީހުން ހޯދުމުގެ މަސައްކަތް ހުޅުމާލެ ރެސްޕޮންސް އެންޑް ޕެޓްރޯލް އާއި، އިންވެސްޓިގޭޝަން ގުޅިގެން ފަށާފައިވާ ކަމަށެވެ.
އެގޮތުން ސީސީޓީވީ ފުޓޭޖް ބަލައި އެ މީހުން ހޯދުމަށް ކުރެވުނު މަސައްކަތުން ޖުލައި 26 ވަނަ ދުވަހުގެ ރޭ 12:30 އެހައިކަންހާއިރު، އެ މީހުން ދުއްވި ސައިކަލު ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެެނެސް އަދި މައްސަލައިގެ ތުހުމަތުގައި އަތަމާގެ / ގދ. ވާދޫ، ޢިޖާޒު ނަޞީރު (40އ) ހައްޔަރުކޮށްފައިވެއެވެ.
މި މައްސަލާގައި ތުހުމަތުކުރެވޭ ދެ ވަނަ މީހާ ތަހުގީގުގެ ތެރެއިން ހޯދައި، ޖުލައި 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވެއެވެ. އެ މީހާ މިހާރުވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަތަމާގެ / ގދ. ވާދޫ، ޢިޖާޒު ނަޞީރު (40އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ބިދޭސީ މީހާގެ އަތުން އެ މީހުން ފޭރުނު ވޮލެޓާއި 10،000 ރުފިޔާ ވަނީ ހޯދާފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.





