އަސްކަރީ ހިނގާލުމުގެ ތެރެއިން- ފޮޓޯ: އެމްއެންޑީއެފް
މިނިވަން 61 ވަނަ ދުވަހުގެ މުނާސަބަތާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހުޅުމާލޭގައި އަސްކަރީ ހިނގާލުން ބާއްވައިފި އެވެ.

ހުޅުމާލޭގައި މިއަދު ހަވީރު ބޭއްވި އަސްކަރީ ހިނގާލުމުގައި ސިފައިންގެ މިލިޓަރީ ބޭންޑާއެކު، 6 ގެމައެއް ހިމެނިފައިވެ އެވެ.
މި ހިނގާލުމުގައި ކޮމާންޑަރަކަށް ކާނަލް މުހައްމަދު ނާޡިމް ހުންނެވިއިރު، މި ހިނގާލުން ފަށާފައިވަނީ މިއަދު ހަވީރު 16:30 ގަ އެވެ. އަދި ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރިން ފަށައިގެން، ނިންމާލީ ކަލާސީނު ކޮށްޓަށެވެ. އަދި ދެ ސަރަހައްދެއްގައި ލަޝްކަރު ހުއްޓުނުއިރު، އޭގެތެރޭގައި ސެންޓްރަލް ޕާކް (ހިތިގަސްމަގު – ހުވަނދުމާހިނގުން ޖަންކްޝަން) އަދި ސިފްކޯ ފުލެޓް ކުރިމަތި (ހައިވަކަރުމަގު – ކުދިމާހިނގުން ޖަންކްޝަން) އަށް ހުއްޓި މިލިޓަރީ ބޭންޑުން ރާގު ކުޅެފައިވެ އެވެ.
އަސްކަރީ ހިނގާލުމުގެ ތެރެއިން ބޭންޑް- ފޮޓޯ: އެމްއެންޑީއެފް
މި ހިނގާލުން ބަލާލުމަށް ބައިވަރު މީހުން އެތަންތަނުގައި އެއްވެފައިވެ އެވެ.
މި މުނާސަބަތާ ގުޅިގެން މި މަހުގެ 26 ވަނަ ދުވަހު ރޭ ޖުމްހޫރީ މައިދާނުގައި މައިދާނީ ކުޅިވަރުތަކާއެކު އެމްއެންޑީއެފުން ވަނީ އަސްކަރީ ހިނގާލުންވެސް ބާއްވާފަ އެވެ.






